26 Mar 2017, 11:34
ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައިފިއެވެ.
ވައްޑެގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށަހެޅި، އޭނާއަށް ވަނީ ޖަވާބުރީ ވުމުގެ ގޮތުން ދެ މެމްބަރުން ޕީޕީއެމްގެ އޮފީހަށް ފޮނުވައި ދިނުމަށް ސިޓީއަކުން އަންގާފައެވެ. ނަމަވެސް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ވަހީދުގެ ފަރާތުން ދެ މެމްބަރުން ހާޒިރު ނުވުމުން މައްސަަލަ ނިންމީ އޭނާގެ ޣައިރު ޚާޒިރުގައި ކަމަށެވެ.
"ސުލޫކީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ފަސް މެމްބަރުންގެ އިއްތިފާގުން ރޭގައި ނިންމާފައިވަނީ ވަހީދު ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް،" ހަލީލު ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ އޭނާއާ ދެކޮޅަށް ސުލުކީ ކޮމެޓީއަށް ވަރަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރޭގައި ވެރިކަން ކުރާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ، ފާޅުގައި މި ސަރުކާރަށް ފާޑުކިޔައި ސަރުކާރާ ދެކޮޅު އަމަލުތައް ހިންގުން ހިމެނޭ ކަމަށެވެ.
"ވަހީދު ވަނީ ޕީޖީ ގްރޫޕްގެ ވިޕް ލައިންތަކާ ތަކުރާރުކޮށް ދެކޮޅަށް ވޯޓް ދީފައި. ޕާޓީގެ ހަރަކާތްތަކާ ދެކޮޅަށް ކެނޑިނޭޅި އަންނަނީ މަސައްކަތްކުރަމުން،" ހަލީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުުވީ، ވަހީދު މިހާރު ވެސް އަންނަނީ ޕީޕީއެމްގެ ފަރާތުން މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުކޮށްފައިވާ އަބްދުﷲ މަސީހު ވަކިކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ކަމަށެވެ.
ވަހީދު ޕާޓީން ވަކިކުރަން ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނިންމި ނަމަވެސް އަދި އޭނާ ޕާޓީގެ މެމްބަރުކަމުން ވަތްކެއް ނުވާނެއެވެ.
އަސާސީ ގަވާއިދު ބުނާ ގޮތުން ވަހީދުއަށް އަދި އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ވަހީދުގެ އިތުރުން ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވެސް ވަނީ އެ ޕާޓީން ވަކިކުރުމަށް ނިންމާފައެވެ. ސުލޫކީ ކޮމެޓީން ފާރިސް މައުމޫން ވަކިކުރުމަށް ނިންމީ ޕާލަމެންޓްރީ ގްރޫޕްގެ ތްރީ ލައިން ވިޕާ ހިލާފުވި މައްސަލައެއްގައެވެ.