ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ރޭ ކުޅުނު ދެ މެޗް އެއް ވަރުވެ ކޮންމެ ޓީމެއް ވެސް ޕޮއިންޓަކުން ފުއްދާލައިފި އެވެ.

ރާއްޖޭ ގަޑިން ރޭ 12:00 ޖެހިއިރު ކުޅުނު ފުރަތަމަ މެޗްގައި ފާއިތުވި ދެ އަހަރުގެ ޗެމްޕިއަން ބްރެޒިލް މޮޅުވިއަނުދީ ވެނެޒުއެލާ އިން ހިފެހެއްޓި އިރު، ދަންވަރު 2:30 ގައި އިކްއެޑޯއާ ދެކޮޅަށް ޕެރަގުއޭ ކުޅުނު ވަރުގަދަ މެޗް ވެސް ނިމުނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އޮވެގެންނެވެ.

ހުނަރުވެރި އެތައް ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވިފައިވާ ޗެމްޕިއަން ބްރެޒިލާއި މުބާރާތުގެ "އަންޑަޑޯގް" ކަމަށް ބެލެވިފައިވާ ވެނެޒުއޭލާ ކުޅުނު މެޗްގެ ފުރަތަމަ ހާފުގައި ބްރެޒިލުން ކުޅުމުގެ ފެންވަރު ދައްކާލި ނަމަވެސް ވެނެޒުއޭލާގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލަތަކެއް ދެވިފައެއް ނުވެ އެވެ. އެހެންނަމަވެސް އެ ހާފުގައި ނޭމާއަށާއި ރޮބީނިއޯއަށް އަދި ޕަޓޯއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވި އެވެ.

ދެ ޓީމްގެ ފަރާތުން ވެސް ބަލާހިތްވާ ކަހަލަ މޮޅުކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ދެވަނަ ހާފު ފަށައިގެން މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައި ވަނީ ވެނެޒުއެލާ އިންނެވެ. މެޗްގައި ބްރެޒިލްގެ ތިން ކުޅުން ތެރިޔަކު ބަދަލުކުރި އިރު، ވެނެޒުއެލާ އިން ވެސް ވަނީ ތިން ކުޅުން ތެރިޔަކު ބަދަލުކޮށްފަ އެވެ.

ރޭގެ މެޗްގައި ލަނޑު ޖަހައި ބްރެޒިލް އުފާ ކޮށްދޭނެ ކަމަށް ބުނި ނޭމާ އަށް މެޗުގައި ލަނޑު ޖަހަން ލިބުނު ތިން ފުރުސަތުގެ ވެސް ބޭނުމެއް ނުހިފުނެވެ. ނަމަވެސް އޭނާ ވަނީ މެޗުގައި ރީތި ކުޅުމެއް ދައްކާފަ އެވެ. އެ ހާފުގައި ވެނެޒުއޭލާއަށް ވެސް ލަނޑު ޖަހާނެ ދެ ތިން ފުރުސަތެއް ލިބުނެވެ.

މެޗު އެއްވަރު ވުމުން ކޮންމެ ޓީމަކަށް އެއް ޕޮއިންޓް ލިބުނު އިރު، ގްރޫޕްގެ ދެ ވަނަ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ފުރަތަމަ މެޗްގައި ރާއްޖެ ގަޑިން 12:00 ޖަހައިރު ބްރެޒިލް އާއި ދެކޮށް ނިކުންނާނީ ޕެރަގުއޭ އެވެ. އަދި ދެވަނަ މެޗްގައި މެންދަމު 2:30 ގައި ވެނެޒުއޭލާ ނިކުންނާނީ އިކުއެޑޯރް އާ ދެކޮޅަށެވެ.

މުބާރާތުގައި މިރޭ ގްރޫޕް ޑީ ގެ ދެމެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މެޗްގައި ރާއްޖެ ގަޑިން ދަންވަރު 3:15 ގައި ބައްދަލުކުރާނީ އުރުގުއޭ އާއި ޕެރޫ އެވެ. ދެވަނަ މެޗްގައި ފަތިހު 5:45 ގައި ޗިލީއާއި މެކްސިކޯ ކުޅޭނެ އެވެ.
މިޗްތައް ނިއޯ ސްޕޯޓްސް އިން ފެންނާނެ އެވެ.