19:00


ފަލަސްތީނުގެ ހަމާސް ޖަމާއަތާ އެކު ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް ރަޝިޔާގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ގޮވާލެއްވި ގޮވާލެއްވުމަށް އިޒްރޭލުން ފުރަގަސްދީފި އެވެ.


މެޑްވެޑޭވް ވަނީ އިއްޔެގެ ވަގުތެއްގައި ހަމާސްގެ ލީޑަރު ޚާލިދު މިޝާލް އާ ދިމިޝްގުގައި ބައްދަލުކުރައްވައި އިޒްރޭލުގެ އިތުރުން ފަތަހަ ޖަމާއަތާއެކު ވެސް ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް ހަމާސް އަށް ގޮވާލައްވާފަ އެވެ. އަދި މެދުއިރުމަތީގެ ސުލްހަ ގާއިމުކުރުމުގައި އެންމެން ވެސް ޝާމިލުވާން ޖެހޭ ކަމަށް ވެސް މެޑްވެޑޭވް ވަނީ ވިދާޅުވެފަ އެވެ.


މިކަމާ ގުޅިގެން އިޒްރޭލުގެ ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި އެޖަމާއަތުން ޓެރަރިޒަމް ދޫކޮށްލައި އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ ކުރިން އެއްވެސް މަޝްވަރާއެއް ނުބާއްވާނެ ކަމަށެވެ. އަދި ޗެޗްނިޔާގައި ޓެރަރިޒަމް އާ ދެކޮޅަށް ކުރި ހަނގުރާމައިގައި ރަޝިޔާއަށް އިޒްރޭލުން އެހީތެރިވީ ފަދައިން ހަމާސް ޖަމާއަތުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް އިޒްރޭލުން މިކުރާ ހަނގުރާމައިގައި އެގައުމުގެ ފަހަތުގައި ރަޝިޔާ ވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެނޫސްބަޔާނުގައިވެ އެވެ.


ރަޝިޔާއަކީ ހަމާސް ޖަމާއަތާ ގުޅުން ބާއްވަމުން އަންނަ ޔޫރަޕްގެ މަދު ގައުމުތަކުގެ ތެރެއިން އެއްގައުމެވެ. އިޒްރޭލުގެ ސަރުކާރުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން ނުވަތަ އީޔޫ އިންނާއި އެމެރިކާއިން ވެސް ހަމާސް ޖަމާއަތް ސިފަކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގަ އެވެ.