ޑައިރެކްޓަރެއްގެ އިތުރުން، ޕްރޮޑިއުސަރެއްގެ ގޮތުން ވެސް ފާހަގަ ކޮށްލެވޭ ގިނަ މަސައްކަތް ތަކެއް ކުރުމަށް ފަހު، ކަރަން ޖޯހަރު ލަވަ ކިޔުމާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

ދަރްމާ ޕްރޮޑަކްޝަންސްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުރި ކަރަން އަކީ ތަފާތު ހުނަރުތައް ލިބިގެންވާ މީހެކެވެ. ދާދި ފަހުން ރިލީޒް ކުރި އޭނާގެ ފޮތް 'އޭން އަންސޫޓަބަލް ބޯއި' އާއެކު ކަރަން ވަނީ ލިޔުންތެރިކަމުގައި އޭނާގެ ހުނަރު ދައްކާލައިފައެވެ.

އެއަށްފަހު މިހާރު މިވަނީ ލަވަ ކިޔަން ވެސް ފަށައިފައެވެ. ކަރަން ލަވަ ކިޔައިދީފައި ވަނީ މިޔުޒިކް ކޮމްޕޯޒަރ ޝޭކަރް އަށެވެ. ޝޭކަރް ވަނީ ކަރަން ލަވަ ކިޔަން ތައްޔާރުވެ މައިކްރޯފޯނެއްގެ ކުރިމަތީގައި ހުއްޓި ހުންނަ ފޮޓޯ އެއް ޓުވިޓާގައި ޝެއާ ކޮށް، އެ ޚަބަރު އެންމެނާ ހިއްސާކޮށްފައެވެ.

އެއާއެކު ކަރަން ވަނީ އެ ޓުވީޓަށް ޖަވާބުދީ ޝޭކަރަށް ޝުކުރު އަދާކޮށްފައެވެ. އަދި ޝޭކަރަށް ލަވައެއް ރެކޯޑު ކޮށްދިނުމަކީ ލިބޭ ޝަރަފެއް ކަމަށާއި، މިއީ ޕްލޭބެކް ލަވަކިޔުންތެރިއަކަށް ވުމުގެ ފެށުން ކަމުގައި އުންމީދު ކުރާ ކަމަށް ބުނެފައެވެ.

ކަރަން ބުނީ އެއީ އޭނާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އަންނަ ހުވަފެނެއް ހަގީގަތަށް ވުން ކަމަށެވެ.

ބެލެވޭ ގޮތުގައި މިއީ، ސްޓާޕްލަސް އިން މިހާރު ދައްކަމުން އަންނަ ލަވަކިޔުމުގެ ޝޯވ 'ދިލް ހޭ ހިންދުސްތާނީ' އަށް ކަރަން ކިޔައިދޭ ލަވައެކެވެ. ކަރަން އަދި ޝޭކަރް އަކީ ވެސް އެ ޝޯވ ގެ ޖަޖުންނެވެ. އެ ޝޯވގެ ޖަޖުންގެ ގޮތުގައި ދެން ފެނިގެން ދާނީ ޝަލްމަލީ އާއި ބާދްޝާހު އެވެ.