ތަބޫކް(މާވް 26): އުރުދުންގެ އުމުރާވެރިންގެ ބަޔަކު ގޮވައިގެން ސައޫދީ އަރަބިޔާގައި ދަތުރުކުރި ބަހެއް ފުރޮޅާލުމުގެ ސަބަބުން 7 މީހުން މަރުވެ 31 މީހުން ޒަޚަމްވެއްޖެއެވެ.

ޒަޚަމްވީ އުމުރާވެރިންގެ ތެރެއިން ގިނަމީހުންގެ ހާލުވަނީ ފުރާނައަށް ނުރައްކާވާ ހިސާބުގައެވެ. އިއްޔެ މިއެކްސިޑެންޓް ހިނގީ އުރުދުންގެ އުމުރާވެރިންގެ ތެރޭގައި ހިމެނޭ 37 މީހުން މަދީނާއަށް ކުރިދަތުރުގައި ތަބޫކް - މަދީނާ ހައިވޭގައި ވަރަށް ބާރު ސްޕީޑެއްގައި ބަސް ދަތުރުކުރަމުން ދަނިކޮށް ކުއްލިގޮތަކަށް ބަސް ފުރޮޅާލައިގެންނެވެ.

ބަސްފުރޮޅާލީ ބަހުގެ ޑްރައިވަރު މޯބައިލް ފޯނު ބޭނުންކުރުމުގެ ސަބަބުން ކަމަށާ މިއީ ޑްރައިވަރުގެ އިހުމާލުގެ ސަބަބުން ދިމާވި އެކްސިޑެންޓެއްކަމަށް އުމުރާވެރިންނާއެކު ދަތުކުރި އުރުދުންގެ އުމުރާ ގްރޫޕްގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

ނަމަވެސް ބަސް ފުރޮޅާލި ވަގުތަކީ ވެލީގެ ތޫފާނެއް އައުމުގެ ސަބަބުން ޖައްވު ނުސާފުވެ ދުރުފެނުން ދަތިވަގުތަކަށް ވުމަކީވެސް ސަބަބަކަށް ވެދާނެކަމަށް އެފަރާތްތަކުން ބުނެއެވެ.

މިއީ މިއަހަރު އުމްރާވެރިންގެ ބަޔަކަށް ކުރިމަތިވި މިބާވަތުގެ އެންމެ ފުރަތަމަ ހާދިސާއެވެ.

މިހާދިސާގައި މަރުވި އުމްރާވެރިންގެ ހަށިތަކާއި ޒަޚަމްވި މީހުންވެސް ގެންދިޔައީ ތަބޫކްގެ ހޮސްޕިޓަލަށެވެ. މިހާދިސާގައި ފުރޮޅާލިބަސް ނިސްބަތްވާ "އަލްފާ" ކުންފުނިން ބުނީ އެބަހަކީ ވަރަށް އައު ބަހެއްކަމަށާ އެބަހުގައި ފަންނީ އެއްވެސް މައްސަލައެއް ނުހުންނާނެ ކަމުގައެވެ. ނަމަވެސް ސައޫދީ ފުލުހުން ވަނީ މިހާދިސާ ތަހްގީގް ކުރަންފަށާފައެވެ.

މިދުވަސްވަރަކީ އުމުރާގެ އަޅުކަން އަދާކުރުމަށްޓަކައި މިލިޔަނަކަށްވުރެ ގިނަމީހުން މާތްވެގެންވާ މައްކާއާއި މަދީނާއަށް ޒިޔާރަތް ކުރަމުންގެންދާ ދުވަސްވަރެއްކަމަށް ޚަބަރުތައް ބުނެއެވެ.