އެޗްވަންއެންވަން ރޯގާ ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކުރުމަށް ފަހު، ސްކޫލްތަކުގެ މިޑްޓަރމް ބްރޭކް ނިމި މިއަދު އަލުން ކިޔަވައިދިނުން ފެށި ނަމަވެސް ސްކޫލްތަކަށް ދިޔަ ކުދިންގެ އަދަދު ވަރަށް ބޮޑުތަން މަދުވެއްޖެއެވެ.

މާލޭގެ ޕްރީ ސުކޫލްތަކަށް ބަލާއިރު ބައެއް ސުކޫލްތަކަށް ދިޔައީ ވަރަށް މަދު ކުދީންކޮޅެކެވެ. އެގޮތުން އެއް ސްކޫލަކަށް އެންމެ ދަރިވަރަކު ހާޒިރުވިކަމަށްވެސް ސަންއަށް ވަނީ މައުލޫމާތު ލިބިފައެވެ.

"އަޅުގަނޑުމެންގެ ދެ ސުކޫލް ހުންނައިރު ކޮންމެ ސުކޫލަކަށްވެސް ދިޔައީ އެއް ކުއްޖެއް، ކިޔަވައެއް ނުދެން،" މާލޭގައި ފުޅާ ދާއިރާއެއްގައި ޕްރީ ސްކޫލް ތައުމީމު ފޯރުކޮށްދެމުންދާ ދޮންދޫނި ސްކޫލުން ބުންޏެވެ.

ބައެއް ޕްރީ ސްކޫލްތަކުން ވަނީ މިހަފްތާއަށް ބަންދުކުރިކަންވެސް ކުރިން އިއުލާންކޮށްފައެވެ. ނަމަވެސް ހުޅުވާގޮތަށް ނިންމީ ވަކިވަކި ސްކޫލްތަކަށް އެޑިއުކޭޝަނުން އެންގުމުންނެވެ.

ޖަމާލުއްދީން ސްކޫލް ފަދަ މާލޭގެ ބޮޑެތި ސްކޫލްތަކަށް ބަލާއިރު ވެސް 30 ކުދިން ތިބޭ ކްލާސްތަކަށް ހާޒިރުވެފައިވަނީ ފަސް ކުދިން 10 ކުދިން ކަހަލަ ގޮތަކަށް ކަމަށް އެ ސްކޫލްތަކުން ބުނެއެވެ.

މާލޭގެ އެންމެ ދުވަސްވީ އެއް ސްކޫލްކަމަށްވާ މަޖީދިއްޔާގައި މިއަދު ކްލާސްތައް ކުރިއަށްގެންދަނީ އެއް ގްރޭޑެއްގެ ފަސް ވަރަކަށް ކްލާސް އެއްކޮށްލައިގެންނެވެ. އެއިން ކޮންމެ ކްލާހެއްގައި 30 ވަރަކަށް ކުދިން ތިބޭއިރު ފަސް ކްލާސް އެއްކޮށްގެންވެސް މިއަދު ހަމަވަނީ ވިއްސަކަށް ކުދިންނެވެ.

"ވަރަށް މަދު އެހެންވެ ޓީޗަރުންނަކަށް ނެތް ފިލާވަޅު ނަގައިދެވޭކަށް. އެކަމަކު ޓީޗަރުން ބުނެދޭނެ،" މަޖީދިއްޔާގެ ޓީޗަރަކު ވިދާޅުވިއެވެ.

އަތޮޅުތެރެއަށް ބަލާއިރުވެސް ކުދިން ސްކޫލަށް ފޮނުވާލެއް މަދެވެ. ހއ. އަތޮޅު މަދަރުސާއިން ވެސް 100 އަށްވުރެ ގިނަ ކުދީން މިއަދު ސްކޫލަށް ނުދާކަމަށް މައުލޫމާތު ލިބެއެވެ.

ގިނަ އަދަދެއްގެ ބެލެނިވެރީން ބުނަމުން އަންނަނީ އެމީހުންގެ ދަރީން ސްކޫލަށް ނުފޮނުވާނެ ކަމަށެވެ. ކަންބޮޑުވުންތައް ޑޮކްޓަރުންނާ ހިއްސާކުރުމުން ކުދިން ސްކޫލަށް ފޮނުވުން ރައްކާތެރި ނޫން ކަމަށް ޑޮކްޓަރުން މައުލޫމާތުދެއްވާ ކަމަށް ބެލެނިވެރިން ބުނެއެވެ.

އެއަށް އިތުރު ބާރެއް ލިބެނީ ކުދިން ސްކޫލަށް ފޮނުވަންވީތޯ ސުވާލުކުރުމުން މަޝްހޫރު ޑރ. އަބްދުﷲ ނިޔާފް ކުރި ޓުވީޓެވެ. ނިޔާފް ޓުވީޓްކޮށްފައި ވަނީ "ޕްލީސް ޑޯންޓް ގޯ" މިލަވައެވެ. އޭގެ މާނަ ގިނަ ބަޔަކު ނަގަނީ ކުދިން ސްކޫލަށް ނުފޮނުވަން ޑރ. ލަފާދެއްވީ ކަމަށެވެ.

މިޑްޓާމް ބަންދަށް ފަހު މިއަދު ސްކޫލުތައް ހުޅުވަން އެޑިއުކޭޝަނުން ނިންމާފައިވާ އިރު އެނިންމުމަށް ބަދަލެއްނުގެނެއެވެ. އެ ނިންމުން ނިންމީ 10 ދުވަހުގެ ތެރޭގައި ރޯގާ ފެތުރެމުން ދިޔަވަރާ އިޖްތިމާއީ ހާލަތަށް ބެލުމަށް ފަހު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިހާތަނަށް އެޗްވަންއެންވަންއަށް 501 މީހުން ޓެސްޓްކޮށްފައިވާ އިރު 185 މީހަކު ވަނީ އެ ރޯގާއަށް ޕޮޒިޓިވްވެފައެވެ. މިހާރު ވެސް 31 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.