މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ގެ މެއިން ބްރާންޗު ކުރިމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 11:30 ހާއިރު އެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ފުލުހުން ދިޔަ އިރު ސީން ރޫޅާލާފައި ހުރުމުން ހާދިސާގެ އިތުރު މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލް އަދި ނުލިބެ އެވެ. ނަމަވެސް"ސަން" އަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހަކު ބުނީ، އެކްސިޑެންޓު ހިނގި ސަރަހައްދުގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށާއި، އެކްސިޑެންޓުގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ގެންދިޔައީ ކޮން ހޮސްޕިޓަލަކަށް ކަމެއް ނޭނގެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓެއް ވެގެން އަނިޔާވި 26 އަހަރުގެ ޒުވާނަކަށް އެ ހޮސްޕިޓަލުގެ އެމެޖެންސީ ރޫމުގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.