26 Mar 2017, 00:40
އިންޑިއާގެ މަޝްހޫރު ފުޑް ޗެއިން، "ބަރިސްތާ"ގެ ރެސްޓޯރެންޓެއް މާލޭގައި ހުޅުވައިފި އެވެ.
އެ ރެސްޓޯރެންޓު ހުޅުވީ ހުކުރު ދުވަހުގެ ވެސްޓް ޕާކާ ދިމާލު ބޮޑުތަކުރުފާނު މަގުގައި، އެމްޕީއެލްގެ ހަތަރު ވަނަ ގޭޓް ކުރިމަތީގަ އެވެ. ބަރިސްތާ އަކީ އިންޑިއާ އަށް އުފަން، އޭޝިއާގެ ގިނަ ގައުމުތަކެއްގައި މަގުބޫލު ބްރޭންޑެކެވެ. މާލޭގައި އެ ބްރޭންޑުގެ ފްރާންޗައިސް ކޮފީ ޝޮޕެއް ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
އެ ކޮފީ ޝޮޕް ހުޅުއްވައިދެއްވުމަށް ފަހު، ބަރިސްތާ މޯލްޑިވްސްގައި އިސްކޮށް އުޅުއްވަނީ ޒުވާނުންކަން ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޒުވާނުން ވިޔަފާރިންނަށް ވާން ރައީސް އަބްދުﷲ ޔާމީން ހިތްވަރު ދެއްވައި އެއްބާރުލުން ދެއްވާ ކަމަށެވެ. އަދި ބަރިސްތާ ފަދަ މަޝްހޫރު ބްރޭންޑެއް ރާއްޖެ އައުމަކީ ވަރަށް އުފާވާ ކަމެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން، އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބަރިސްތާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ރަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ ކޮފީ ޝޮޕުން ތައާރަފް ކުރާނެ ކަމަށާއި، އެ ކޮފީޝޮޕް ވެގެންދާނީ މާލޭގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތެއްދޭ ކޮފީ ޝޮޕަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޑިއާއަށް ނިސްބަތްވާ އެ ބްރޭންޑުގެ ޗެއާމަން ސަންޖޭ ޗަބްރާ ވެސްއެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ. އޭނާ ވިދާޅުވީ ބަރިސްތާގެ މާލޭގެ ރެސްޓޯރެންޓުން ދިވެހިވަންތަ ކެއުންތައް ވެސް ލިބޭނެ ކަމަށެވެ. ދުނިޔޭގެ 300 އަށް ވުރެ ގިނަ ގައުމެއްގައި އެ ކުންފުނި ހިންގަމުން އަންނަ އިރު، އެ ކުންފުނިން އަބަދު ވެސް އެންމެ އިސްކަމެއް ދެނީ އެތަނެއްގެ ކާނާއަށް ކަމަށާއި އެގޮތުން ކަނޑުމަހުގެ ގިނަ ބާވަތްތަކެއް އެ ޝޮޕުން ލިބެން ހުންނާނެ ކަމަށް ސަންޖޭ ވިދާޅުވި އެވެ.
ބަރިސްތާގެ މާލޭ ޝޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައީސް، އަބްދުﷲ މަސީހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.