މީގެ ތިން މަސް ދުވަސްކުރިން ހއ. ދިއްދޫގައި ބަޔަކު މީހުން ރޭޕް ކުރިކަމަށް ކަމަށް ބުނާ އަންހެން ކުއްޖާ މިއަދު ސުކޫލަށް ނުކުތުމުން އެ ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހުން ނުކުމެ ސުކޫލްގައި ތަޅުއެޅުވުމުން ފުލުހުން ސްކޫލް އަލުން ހުޅުވައިފި އެވެ.

އަޕަނޯތު އެޑިޔުކޭޝަން ޔުނިޓު ހިންގުމާ ހަވާލުވެ ހުންނެވި ސްޕްރިޓެންޑެންޓް އޮފް އެޑިޔުކޭޝަން އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ އެ ރޭޕްގެ މައްސަލައާ ގުޅިގެން މިއަދާ ޖެހެންދެން ވެސް ސަސްޕެންޝަންގައި ހުރި 13 އަހަރަށްދާ އެ އަންހެން ކުއްޖާ ސުކޫލަށް ނެރުމަށް އެޑިޔުކޭޝަނުން އެންގައި އެ ކުއްޖާ ކިޔަވަން ނުކުތުމުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ހައެއްކަ މީހަކު ނުކުމެ މިއަދު ހެނދުނު ސުކޫލުގައި ތަޅުއަޅުވާފައިވާ ކަމަށެވެ.

"އެންމެ ހައެއްކަ މީހަކު ވެގެން މިކަމެއް މިކުރީ. އެމީހުންނަކީ ވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ތިބި މީހުން. ކުއްޖަކު ކިޔެވުމުގެ ހައްގު މަހުރޫމެއް ނުކުރެވޭނެ. މިކަމަކީ ހަމަ ވަރަށް ނާތަހުޒީބު ކަމެއް،" ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ހެނދުނު ގޭޓްގައި ތަޅު އެޅުވި ނަމަވެސް ފުލުހުންގެ އެހީތެރިކަމާ އެކު ތަޅުނައްޓުވައި އަލުން ކިޔެވުން ފަށާފައިވާ ކަމަށެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ހިންގި ކަމަށް ބުނާ ރޭޕްގެ އެ މައްސަލައިގާ އެ އަންހެން ކުއްޖާ ސުކޫލް ބޯޑުން ސަސްޕެންޑް ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

"ބޯޑަކަށް އެފަދަ ނިންމުމެއް ނުނިންމޭނެ. ކިޔަވަންދާ އުމުރުގެ ކުއްޖެއް އެގޮތަށް ސަސްޕެންޑް ކޮށްފައި ބެހެއްޓުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން. އޭނާ އުގެނުމުގެ ހައްގުން މަހުރޫމެއް ނުކުރެވޭނެ،" ރަޝީދު ވިދާޅުވި އެވެ.
ބަޔަކު މީހުން އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގާ އެ އަންހެން ކުއްޖާ ސުކޫލުން ސަސްޕެންޑް ކުރުމުން އެ ކުއްޖާގެ ބެލެނިވެރިން ވަނީ އެ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށާއި އެޑިޔުކޭޝަން މިނިސްޓްރީއަށް ވެސް ހުށަހަޅައިފަ އެވެ.

ރަޝީދު ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެ މައްސަލަ ބެލުމަށް ފަހު އެ ކުއްޖާ ކިޔަވަން ނެރުމަށް އެޑިޔުކޭޝަން މިނިސްޓްރީއަށް ވެސް އަންގާފައިވާ ކަމަށެވެ. އެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެހެން ދަރިވަރަކު ވެސް މިއަދު ވަނީ އެޑިޔުކޭޝަންގެ އެންގުމުގެ މަތިން ސުކޫލަށް ކިޔަވަން ނިކުމެފަ އެވެ.
ސުކޫލުން ވެސް އަދި ރަށު ކައުންސިލުން ވެސް ވަނީ އެ މައްސަލައިގާ ވާހަކަ ދެއްކުމަށް މިއަދު އިންކާރުކޮށްފަ އެވެ.