އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަވެރި ކުޅުމަކަށްފަހު ފަހަތުންއަރައި ކިރްގިސްތާން ބަލިކޮށް، ތުރުކުމަނިސްތާން ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ރާއްޖޭގައި ކުރިއަށްދާ އެ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ކިރްގިސްތާންގެ މައްޗަށް ތުރުކުމަނިސްތާނު ކުރި ހޯދާފައިވަނީ 3-2 ސެޓުންނެވެ. ތުރުކުމަނިސްތާން ކުޅުނު ދެ މެޗުން މޮޅުވެފައިވާއިރު، ކިރްގިސްތާން މޮޅުވެފައިވަނީ މިދިޔަ ބުދަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުގައި ކިރްގިސްތާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ކިރްގިސްތާންގެ ފަރާތުން މޮޅެތި ހަމަލާތަކެއް ފުރަތަމަ ދެ ސެޓުގައި ފެނިގެންދިޔައެވެ. އެ ދެ ސެޓްވެސް ކިރްގިސްތާނުން ގެންދިޔައީ 25-22 އިންނެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ކިރްގިސްތާނާއި ތުރުކުމަނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ތުރުކުމަނިސްތާން މޮޅުވީ 3-2 ސެޓުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ތިންވަނަ އަދި ހަތަރުވަނަ ސެޓުގައި ކިރްގިސްތާން ފެނިގެންދިޔައީ ވަރަށް ވަރުބަލިކޮށެވެ. ނަތީޖާއެއްގެ ގޮތުން ވަރުގަދަ ކުޅުމަކާއެކު ފަހު ތިން ސެޓު ގެންދިޔައީ ތުރުކުމަނިސްތާނުންނެވެ. ތިންވަނަ ސެޓު 20-25 އިން ތުރުކުމަނިސްތާން ގެންދިޔައިރު، ހަތަރުވަނަ ސެޓު ވެސް އެޓީމުން ގެންދިޔައީ 20-25 އިންނެވެ.

ކޮންމެ ޓީމަކަށް ދެ ސެޓު ލިބި އެއްވަރުވެފައިވުމުން ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ ސެޓު ފެށުނީއްސުރެ، ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ތުރުކުމަނިސްތާނުން މެޗު ކާމިޔާބުކުރީ 14-16 އިން ފަހު ސެޓު ގެންގޮސްގެންނެވެ.

ތުރުކުމަނިސްތާނުން މާދަމާ ހަވީރު ކުޅޭ މެޗުގައި ނުކުންނަން ޖެހޭނީ ރާއްޖެއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ތުރުކުމަނިސްތާނަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާއިރު، އެ މެޗު ކާމިޔާބުކޮށްގެން ވެސް ރާއްޖެއަށް ފައިނަލުގެ ޖާގައެއް ލިބެން އޮތީ ހަނި ފުރުސަތެކެވެ. އެ މެޗުން މޮޅުވެގެން ރާއްޖެއިން އަންނަ ހޯމަ ދުވަހު ނޭޕާލާއި ކިރްގިސްތާން ބައްދަލުކުރާ މެޗުން ނުކުންނަ ނަތީޖާއަކަށް އިންތިޒާރުކުރަން ޖެހޭނެއެވެ.