އޭޝިއަން ކަޕް ކޮލިފައިން މެޗުގައި ވާދަކުރުމަށް ފަލަސްތީން ގައުމީ ފުޓްބޯޅަ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

އަންނަ އަންގާރަ ދުވަހު ކުޅޭ އޭޝިއަން ކަޕް ކޮލިފައިންގެ 'ގްރޫޕް ޑީ'ގެ މެޗަށް ފަލަސްތީން ޓީމު، ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ފަލަސްތީނު ޓީމުން ރާއްޖެއާ ދެކޮޅަށް ނުކުންނަ މެޗަށް ވަނީ ވަރަށް ވަރުގަދައަށް ތައްޔާރުވެފައެވެ. މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ތަމްރީންތައް ކުރިއަށްގެންދާ ފަލަސްތީނު ޓީމު މެޗަށް ތައްޔާރުވުމަށް ކޭމްޕްކޮށްފައިވަނީ ގަތަރުގައެވެ. އެ ގައުމުގައި ފަލަސްތީނުން ތިން މެޗެއް ކުޅެފައިވެއެވެ.

ފަލަސްތީނުން ވަނީ މިދިޔަ ބުދަ ދުވަހު ޔަމަނާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފައެވެ. އެ މެޗުގައި ވަރުގަދަ ކުޅުމަކާއެކު ޔަމަންގެ މައްޗަށް ފަލަސްތީނުން ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އަންނަ އަންގާރަ ދުވަހު ކުޅޭ މެޗުގައި ރާއްޖެއާ ދެކޮޅަށް ފަލަސްތީން ނުކުންނައިރު، ރާއްޖެއާއި ފަލަސްތީން ވަނީ ދެ ފަހަރަކު ބައްދަލުކޮށްފައެވެ. އޭއެފްސީ ޗެލެންޖް ކަޕް 2012ގައި ރާއްޖެ އަތުން 2-0 ލަނޑުގެ ނަތީޖާއަކުން ފަލަސްތީން މޮޅުވިއިރު، ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް 2014ގައި ކުޅުނު މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ފަލަސްތީނާއި ރާއްޖެ ބައްދަލުކުރާ އޭޝިއަން ކަޕްގެ ކޮލިފައިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭ 9:00ގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީން ހިމެނޭ 'ގްރޫޕް ޑީ'ގައި ދެން އޮތީ އޮމާން އަދި ބޫޓާންއެވެ.