އިދިކޮޅުު ފަރާތްތަކާއި ގުޅިގެން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެއްޓިވި މަސަތްކަތްޕުޅުގެ ސަބަބުން ސަރުކާރަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ނަގާ ރާޅު ބިންދާލާނީ އެ ފަރާތްތަކުގެ ބޮލަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށް، އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި މައްސަލައާއެކު އިދިކޮޅު ފަރާތްތަކުން ވަނީ އެއްގަލަކަށް އަރާފަ އެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން ފެއްޓެވި މަސައްކަތަކީ އެ ދެ ބޭފުޅުން ބައިވެރިވެގެން ފެށި ފުރަތަމަ ސިޔާސީ މަސައްކަތެވެ.

އަންނަ ހޯމަ ދުވަހު ނަގާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓްގެ ކުރިން މިއަދު މެންދުރު ފަހު ޕީޕީއެމާއި އެމްޑީއޭ ގުޅިގެން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ރައީސް މައުމޫނަށް އިދިކޮޅު ފަރާތްތަކާ ގުޅިގެން އެއްބަސްވުމެއްގައި ސޮއި ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށާއި އެއީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް ކަމަށެވެ.

"ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެއްވެސް ބަޔަކާ އެކު އެއްބަސްވުމެއް ހެދޭނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން. އެއީ މިއަދު ރަމްޒީ ބޭފުޅެއް. ޕާޓީ ހިންގުމުގެ އެއްވެސް ޒިންމާއެއް މިއަދު އެމަނިކުފާނަކަށް ނޯންނާނެ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން އުޅޭތީ 41 މެމްބަރުންނާއެކު ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭނާ ވިދާޅުވީ އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް ކަމަށާއި ޕީޕީއެމްގެ މެމްބަރުންނާއި ޕީޕީއެމް އެމްޑީއޭގެ ގުޅިފައިވާ ޕާލިމެންޓްރީ ގްރޫޕް އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން އެއްބަސްވުން ހެދުމަކީ އަޅުގަނޑުމެން އެއްވެސް ވަރަކަށް ކަންބޮޑުވާ ކަމެއް ނޫން. އަޅުގަނޑުމެން މި ތިބީ ވަރަށް ސާބިތިކަމާ އެކު. އެކަމުގެ ސަބަބުން ނަގާ ރާޅު އެ ބޭފުޅުންގެ މައްޗަށް ބިންދާލަފާނެ ތޯޗެއް. އަޅުގަނޑުމެންގެ މި ސަރުކާރުގެ މައްޗަށް އެކަމުގެ އެއްވެސް އަސަރެއް ކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކުލަވާލި އެއްބަސްވުމަކީ ދިވެހި ރައްޔިތުންނަށް ފާއިދާއެއް ހޯދައިދިނުމަށް އެކުލަވާލި އެއްބަސްވުމެއް ނޫން ކަމަށާއި އެއީ އެ ހަތަރު ލީޑަރުންގެ ތެރައިން ކޮންމެވެސް އެކަކު ރާއްޖޭގެ ރައީސްގެ މަގާމަށް އައުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

"ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުން ފަސް އަހަރު ދުވަހު ވެސް މަޑުކޮށްލަން ނުކެެރޭ. އެ ފަސް އަހަރުގެ ކުރިން މިއޮތް ވެރިކަން ބަދަލުކޮށްލައި ވެރިކަން ވައްޓާލައި އެ ހަތަރު ބޭފުޅުންކުރެ އަކަކު އަންނަން. އަޅުގަނޑު ގަބޫލުކުރަނީ އެ އެގްރިމަންޓަކީ އެހާ ރަނގަޅު އެހާ ވަރުގަދަ އެގްރިމެންޓެއް ނޫން ކަމަށް،" ސިޔާމް ވިދާޅުވި އެވެ.