މާދަމާ ދަރިން ސްކޫލަށް ފޮނުވާނީތޯ ނުވަތަ ނުފޮނުވާތީ ގޮތް ނުނިންމިގެން އުޅެނިކޮށް އަނެއްކާ ވެސް ހަބަރު ލިބިގެންދިޔައީ ސްވައިން ފުލޫގައި ހަތަރު ވަނަ މީހާ މަރުވި ވާހަކަ އެވެ. އެތައް ބެލެނިވެރިންއެއްގެ ކަންބޮޑުވުން އިތުރެވެ.

"އަހަރެން ނުފޮނުވާނަން، ގަބޫލެއް ނުކުރަން ހާލަތު ރަނގަޅުކަމަކަށް، އަދި ސްކޫލަށް ފޮނުވާވަރެއްނުވޭ. މިއީ ކުޑަކުދިން، ބަލިވެއްޖެއްޔާ ޖެހޭ ހާލު ބޮޑު،" ފަސް ކުދިންގެ މަންމައަކު ބުންޏެވެ.

މިދުވަސް ވަރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ: --- ފޮޓޯ/ ފަޔާޒު މޫސާ

ގިނަ އަދަދެއްގެ ބެލެނިވެރިން ބުނަމުން އަންނަނީ އެމީހުންގެ ދަރިން ސްކޫލަށް ނުފޮނުވާނެ ކަމަށެވެ. ކަންބޮޑުވުންތައް ޑޮކްޓަރުންނާ ހިއްސާކުރުމުން ކުދިން ސްކޫލަށް ފޮނުވުން ރައްކާތެރި ނޫން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ބެލެނިވެރިން ބުނެ އެވެ.

އެއަށް އިތުރު ބާރެއް ލިބެނީ ކުދިން ސްކޫލަށް ފޮނުވަންވީތޯ ސުވާލުކުރުމުން މަޝްހޫރު ޑރ. އަބްދުﷲ ނިޔާފް ކުރި ޓުވީޓެވެ. ނިޔާފް ޓުވީޓްކޮށްފައި ވަނީ "ޕްލީސް ޑޯންޓް ގޯ" ލަވަ އެވެ. އޭގެ މާނަ ގިނަ ބަޔަކު ނަގަނީ ކުދިން ސްކޫލަށް ނުފޮނުވަން ޑރ. ލަފާދިން ގޮތަށެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އަފީފު ވިދާޅުވީ އެޑިއުކޭޝަންއިން އެގޮތަށް ނިންމާފައިވާ އިރު ކުދިން ސްކޫލަށް ފޮނުވުން ރަނގަޅުތޯ ނުވަތަ ނޫންތޯ އެކަމަށް ވަކި އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ޑޮކްޓަރުގެ އިރުޝާދުތަކެއް އެބަވެ އެވެ.

ޑރ. ވިދާޅުވީ މިދުވަސްވަރު ކުދިން ޓިއުޝަނަށާއި ސްކޫލުތަކުން ބާއްވާ އިތުރު ހަރަކާތަކަށް ނުފޮނުވުން ބުއްދިވެރި ކަމަށެވެ.

ހުންއައިސްފައިވާ ކުއްޖާ ބަލިވި ދުވަހުން ފެށިގެން 10 ދުވަސް ނުވަނީސް އެކުއްޖާ ކެއްސައި ނުވަތަ އެފަދަ ރޯގާގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެހެން ކުދިންގެ ސަލާމަތަށް ޓަކައި ކުދިން ސްކޫލަށް ނުފޮނުވުމަށް އަފީފް އެދިވަޑައިގަންނަވަ އެވެ. އެއީ އެހެން ކުދިންނަށް ރޯގާގެ އަސަރުކުރާނެތީ އެވެ.

"އެހާލަތުގައި އެއްކުއްޖަކު ގައިން އަނެއް ކުއްޖަކު ގަޔަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑު،" ޑރ. އަފީފް ވިދާޅުވި އެވެ.

ޑޮކްޓަރުންނާއި ދައުލަތުގެ ސިއްހީ އިދާރާތަކުން އަންނަނީ އަދި ވެސް ގިނަ ބަޔަކު އެއްވެ ނޫޅުމަށް އިލްތިމާސްކުރަމުންނެވެ. ސަބަބަކީ އެއީ އެރޯގާ ފެތުރެން ފަސޭހަ ކަމަކަށްވާތީ އެވެ.

އެ ރޯގާޖެހިއްޖެ ނަމަ އެންމެ އަސަރު ކުރަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށެވެ.

މާސްކު ތިބި ބަޔަކު މަގުމަތީގައި: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިޑްޓާމް ފެށެން ކައިރިވެފައިވަނިކޮށް ސްކޫލުތައް ބަންދުކޮށްފައި ވަނީ ހަލުވިކަމާ އެކު އިންފުލުއެންޒާ ރޯގާ ފެތުރެމުންދާތީ ރޯގާ ކޮންޓްރޯލް ކުރުމަށް ސްކޫލުތައް ބަންދު ކުރުން މުހިންމު ކަމަށް ބުނެ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ލަފާދިނުމުންނެވެ.

މިޑްޓާމް ބަންދަށް ފަހު މާދަން ސްކޫލުތައް ހުޅުވަން އެޑިއުކޭޝަންއިން ނިންމާފައިވާ އިރު އެނިންމުމަށް ބަދަލެއްނުގެނެ އެވެ. އެނިންމުން ނިންމީ 10 ދުވަހުގެ ތެރޭގައި ރޯގާ ފެތުރެމުން ދިޔަވަރާއި އިޖުތިމާއީ ހާލަތަށް ބެލުމަށް ފަހު ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

ނަމަވެސް މާލޭގެ ގިނަ ޕްރީ ސްކޫލުތަކެއް މިފެށޭ ހަފްތާގައި ވެސް ބަންދެވެ. އެފަރާތްތަކުން ބުނަނީ ދެން ކިޔަވައިދޭން ފަށާނީ ރޯގާކަންތައް ހަމަޔަކަށް އެޅުމުން ކަމަށެވެ.

މިހާތަނަށް އެޗްވަންއެންވަން 501 މީހުން ޓެސްޓްކޮށްފައިވާ އިރު 185 މީހަކު ވަނީ އެރޯގާއަށް ޕޮޒިޓިވްވެފަ އެވެ. މިހާރު ވެސް 31 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

މާދަމާ ކިޔެވުން ފަށަން ނިންމި ނަމަވެސް އެތައް ބެލެނިވެރިންނެއް ތަކުރާރުކޮށް އަންނަނީ އެމީހުންގެ ދަރިން ސްކޫލަށް ނުފޮނުވާނެ ކަމަށް ބުނަމުންނެވެ. ސަބަބެއް ކަމަށް ބުނަނީ އެރޯގާ އަދި ވެސް އިތުރުވަމުން އަންނާތީ އެވެ.