ކޮމިޓީތަކުގެ މައްސަލަ އެޖެންޑާކުރި މައްސަލައިގައި، މެންބަރުންގެ މެދުގައި އަރައިރުން ބޮޑުވެ 11:00 ޖަހާއިރު ފަށަން މެދު ކަނޑައިލި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެންދުރު ފަހު 1:00 ޖަހާއިރަށް ފަސްކޮށްފި އެވެ.

މީގެ އިރުކޮޅެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ އޮފިޝަލަކު ވިދާޅުވީ ކޮމިޓީތަކުގެ މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތައް ކުރިއަށްދާތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ދެން ފަށާނީ އެކެއް ޖަހާއިރު ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނު ފެށުމަށް ފަހު މެދު ކަނޑައިލީ ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. އެއީ ކޮމިޓީތަކަށް މެންބަރުން ބެހުމާމެދު އެމްޑީޕީ އާއި ޑީއާރްޕީއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ގޮތެއް ނިންމަން މިއަދުގެ ޖަލްސާއަށް މައްސަލަ އެޖެންޑާ ކޮށްފައިވަނީ، މަޖިލީހުގެ ގަވާއިދާ ހިލާފަށްކަމަށް ވިދާޅުވެ މެންބަރުންގެ މެދު، އަރައިރުން އުފެދި، ތަޅުން ހޫނު ވުމުގެ ސަބަބުންނެވެ.

ޖަލްސާ މެދުކަނޑުއްވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެވަގުތު މަޖިލީހުގެ ތަޅުން އޮތް ހާލަތުގައި ޖަލްސާ ކުރިއަށް ނުގެންދެވޭނެތީ އެޖެންޑާގެ މައްސަލައިގައި ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވުމަށް ފަހު 11:00 ގައި އަލުން ޖަލްސާ ފަށަން މެދުކަނޑުއްވާލެއްވީ ކަމަށެވެ.