ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން އެކުލަވާލާފައިވާ އިދިކޮޅު އެއްބަސްވުން ވެގެންދާނީ ތާކުންތާކު، ނުޖެހޭ ހިތި އެއްޗަކަށް ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޔާމް އެގޮތަށް ވިދާޅުވީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް/އެމްޑީއޭ މަޖިލިސް މެމްބަރުން މަސީހާއެކު ތިބިކަން ހާމަކުރުމަށް ދަރުބާރުގޭގައި މިއަދު މެންދުރުފަހު ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ.

ސިޔާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މަގުސަދަކީ ރާއްޖެއަށް އަންނަ ތަރައްގީ ހުއްޓުވަން ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ސިޔާސީ ކަންކަމަކީ ރައްޔިތުންނާއި ވެރިންނާ ދޭތެރޭގައި އޮންނަ ކަމެއް. ސިޔާސީ އެންމެ މުހިންމު އެއްކަމަކީ ރައްޔިތުންގެ ފުދުންތެރިކަމާއި ރައްޔިތުންނަށް ލިބެންޖެހޭ އެންމެހައި އަސާސީ ހިދުމަތްތައް އޭގެ ފުރިހަމަ ގޮތުގައި ލިބިގެން ދިއުން. އަދި ރައްޔިތުންނަށް އޭގެ އެންމެ ރަނގަޅު ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގަ ތަރައްގީވެފައި ހުރި ގައުމުތަކުގައި ބަލާއިރުގައި އެ ގައުމުތައް ތަރައްގީވާ ބީދައިން މިގައުމު ވެސް ތަރައްގީ ވާން އެބަޖެހޭ،" މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ވެރިކަމުގައި ހުރި ރައީސް ޔާމިނަކީ މިހާތަނަށް މިގައުމު ނުދެކޭ ވަރުގެ އިގްތިސާދީ ލީޑަރެއް ކަމަށާއި އެކަން ދިވެހި ރައްޔިތުންގެ އިތުރުން މުޅި ދުނިޔެ ވެސް ގަބޫލުކުރާ ކަމަށެވެ.

"މުޅި ދުނިޔޭގައި ވެސް ރާއްޖެ ތަރައްގީވަމުން އަންނަ ވާހަކަ އެބަ ދައްކާ. ބައެއް އަވައްޓެރި ގައުމުތަކުން އެކަމާ ހަސަދަވެރިވެސް ވޭ. އަކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ،" ސިޔާމް ވިދާޅުވިއެވެ.

މަސީހާއެކު ސަރުކާރު ކޯލިޝަން މެމްބަރުން ތިބިކަން ހާމަކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސިޔާމް ވިދާޅުވީ ސިޔާސީ ކޮންމެ މީހަކު ވެސް ބޭނުންވަނީ ވެރިކަމާއި އެކުމުގެ ލައްޒަތާ އާރާއި ބާރު ކަމަށާއި އިދިކޮޅުގައި ތިބި ފަރާތްތަކުން ދައްކަން ބޭނުންވަނީ މިއަދުގެ ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދޭކަން ދެއްކުމަށް ކަމަށެވެ.

"ރާއްޖެ ކައިރީގައި ހުރި ގައުމުތަކަށް ބަލާއިރު ރާއްޖެހާ ރަނގަޅަށް ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޯށް ދޭ ގައުމެއް ވަރަށް މަދު. އޭގެ ތެރޭގައި ސިލޯނާއި ބަނގުލަދޭޝް އާއި ޕާކިސްތާނަށް ބަލާލި ނަމަވެސް އަދި ކޮންމެ ގައުމަކަށް ބެލިނަމަވެސް ރާއްޖެގައި މި އޮތް ކަހަލަ ސިސްޓަމެއް އޮތް ގައުމެއް ވަރަށް މަދު،" ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރާއްޖެއަށް މިލިބެމުންދާ ކުރިއެރުމަށް ހަސަދަވެރިވެގެން ރާއްޖޭގެ ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކަށް އައިސް ރާއްޖެ މީގެ ކުރީގައި ދުވަހަކުވެސް ނުދެކޭފަދަ ބޮޑެތި ރިސޯޓްތައް ހެދި ހޮޓާތައް ހެދި ބިލްޓްތައް ހެދި މިއެއްޗިހި އަޅުގަނޑުމެންގެ ލޯމައްޗައް އެބަ ފެނޭ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މި ސަރުކާރުން ރާއްޖެއަށް ގެންނަމުން މިދާ ތަރައްގީގެ ސަބަބުން އިނދިކޮޅު ފަރާތްތަކަށް ދެން ވެރިކަން ހޯދުމަށް އޮތް ހަމައެކަނި މަގަގީ މިއަދުގެ ސަރުކާރު ވައްޓާލުން ކަމަށް އެފަރާތްތަކުން ވެސް ގަބޫލު ކުރާ ކަމަށެވެ.

މަސީހްގެ އިތުބާރުނެތް ކަމުގެ ވޯޓް އިދިކޮޅު ފަރާތްތަކަށް ކާމިޔާބް ނުވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.