04 Jul 2011, 11:03
ތެހެރާން : އިސްރާއީލުން އީރާނަށް ޙަމަލާއެއްދީފިނަމަ މަދުމިނިއްޓު ކޮޅެއްގެ ތެރޭގައި އީރާނުގެ މިސައިލްތައް އިސްރާއީލަށް ވަންނާނެ ކަމުގެ އިންޒާރު އީރާނުގެ ކޮމާންޑަރަކު ދެއްވިފި އެވެ.
އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުގެ ވައިގެ ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް ޢަލީ ހާއްޖީ ވިދާޅުވީ އީރާނަށް ޙަމަލާދޭ އިސްރާއީލުގެ ބޯޓުތައް އީރާނުގެ ވައިގެ ސަރަޙައްދުން ބޭރުނުވަނީސް އީރާނުގެ މިސައިލްތައް އިސްރާއީލުގެ ވައިގެ ސަރަޙަށް ވަންނާނެ ކަމުގަ އެވެ.
އަދި އިސްރާއީލުން ޙަމަލާދީފި ހިނދެއްގައި ރައްދު ޙަމަލާދޭނެ އިސްރާއީލުގެ މުހިއްމު ތަންތަން ފާހަގަކޮށްފައިވާނެ ކަމަށާ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދީފައި އިސްރާއީލުގެ ނިއުކްލިޔަރ މަރުކަޒުތައް ސަލާމަތުން ބަހައްޓަން އިސްރާއީލުގެ ވެރިން ޚިޔާލުކޮށްގެން ނުވާނެ ކަމަށްވެސް ޙާއްޖީ ވިދާޅުވި އެވެ.
ޙާއްޖީ ވަނީ އީރާނަށް ޙަމަލާދިނުންފަދަ މޮޔަކަމެއް ނުކުރުމަށް އެމެރިކާއަށްވެސް އިންޒާރު ކުރައްވާފައެވެ. ޢިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމަވެރިންގެ މައްޗަށް ކާމިޔާބު ނުހޯދުނު އެމެރިކާ ސިފައިންނަށް އީރާނުގެ ޤައުމީ ސަލާމަތާ ނުކުޅެވޭނެ ކަމަށްވެސް އީރާނުގެ ކޮމާންޑަރު ވިދާޅުވި އެވެ.
އިސްރާއީލާއި އެމެރިކާ ގެންދަނީ ޢަސްކަރީ ހަމަލާތައް ދީގެންނަމަވެސް އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވާނެ ކަމުގެ އިންޒާރު ދެމުންނެވެ. އެމެރިކާގެ ވެރިކަމަށް އޮބާމާ އިންތިޚާބު ވުމަށްފަހު އެެމެރިކާގެ ހަރުކަށިކަމަށް ލުއެއްއައިސްފައި ވީނަމަވެސް އިސްރާއީލުގެ ވެރިން ގެންދަވަނީ އެމެރިކާގެ އެހީތެރިކަމާނުލައިވެސް އީރާނަށް ޙަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު ދެމުންނެވެ.
އިސްރާއީލަކީ މެދުއިރުމަތީގައި ނިއުކްލިޔަރ ހަތިޔާރުހުރި ހަމައެކަނި ޤައުމުކަމަށްވީ ނަމަވެސް އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ ނުރައްކަލެއް ކަމަށްބުނެ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ސިޔާސީ ފަރާތްތަކުން ދެމުންގެންދެއެވެ. މިއާ ޚިލާފަށް އިސްރާއީލުގެ ޢަސްކަރީ ތަޖްރިބާކާރުން ގެންދަވަނީ އީރާނަށް ޙަމަލާ ދިނުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމަށް އެޤައުމުގެ ސިޔާސީ ލީޑަރުންނަށް ގޮވާލައްވަމުންނެވެ.
އީރާނުން މިދިޔަ ހަފްތާގައިވަނީ މެދުރާސްތާއާއި ދުރުރާސްތާގެ ގިނަ ޢަދަދެއްގެ މިސައިލް ތަކެއް އަޖުމަބެލުމުގެ ގޮތުން ތަޖްރިބާތަކެއް ކޮށްފައެވެ. މީގެތެރޭގައި ސިއްޖީލް، ފާތިޙް، ޝިހާބު، ފާރިސް، ޒިލްޒާލް ފަދަ އީރާނުން އުފައްދާފައިވާ އެކިމަރުކާތަކުގެ މިސައިލްތަކުގެ ތަޖްރިބާތައް ހިމެެނެއެވެ. މީގެތެރެއިން ޝިހާބު 3 އާއި ޝިހާބު 2 މަރުކާގެ މިސައިލްތަކަކީ އިސްރާއީލަށް ފޯރާފަދަ ދުރުރާސްތާގެ މިސައިލްތައް ކަމަށް ތަޖްރިބާކާރުން ބުނެއެވެ.
އީރާނުގެ ކަނޑުގެ ބާރުތަކުންވެސް މިހާރު ގެންދަނީ ގަލްފުގެ ކަނޑުއޮޅީގައި ޢަސްކަރީ ތަމްރީންތަކެއް ހެދުމަށް ތައްޔާރުވަމުންނެވެ. މިތަމްރީންތަކުގައި ކަނޑުގެ އަޑިން ފޮނުވާ މިސައިލާއި ޓްރޮޕިޑޯ ބޭނުންކުރެވޭނެ ކަމަށް އީރާނުގެ ކަނޑުގެ ބާރުތަކުގެ ކޮމާންޑަރު އެޑްމިރަލް ޢަލީ ރޮޒަމްޖޫ ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން މިދިޔަ ހަފްތާގައިވަނީ ނިއުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލްކަން ލިބިގެންވާ މިސައިލެއް އީރާނުން ސިއްރިޔާތުގައި ތަޖްރިބާކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އީރާނުންވަނީ މިކަން ދޮގުކޮށްފައެވެ. (އަލްޖަޒީރާ+އަލްޢާލަމް)