ދައުވާ ނުކޮށް ބަންދުގައި ބެހެއްޓޭނެ މުއްދަތެއް ކަނޑައަޅަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު އިއްޔެ ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، މީހެއްގެ މައްޗަށް ދައުވާ ނުކޮށް ބަންދުގައި ބެހެއްޓޭނީ 30 ދުވަސް ކަމުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ.

ދައުވާ ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގެ މުއްދަތު އިތުރުކޮށްކޮށް ބައިތިއްބާތީ ބައެއް މީހުން ދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން، މީހަކާ މެދު ދައުވާ ނުކޮށް ބަންދުގައި ބެހެއްޓޭނީ، ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް، ނުވަތަ އެ މީހަކު ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެނިއްޖެ ހިނދެއްގަ އެވެ.

އަދި ކުށެއްކޮށްފި ކަމަށް ތުހުމަތު ކުރެވި ތަހުގީގު ކުރާ ފަރާތަކަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ތަހުގީގުކޮށް، އޭނާއާ މެދު ދައުވާކުރަން ޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އަށް ފެނިއްޖެ ނަމަ، ވީ އެންމެ އަވަހަަކަށް ދައުވާ އުފުލަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައިވެ އެވެ.