25 Mar 2017, 09:11
ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށް ފަހު، ސަންޖޭ ދަތު އަލުން އެނބުރި އަންނަ ފިލްމު، 'ބޫމީ' ރިލީޒް ކުރަން ހަމަޖައްސާފައިވާ ތާރީޚަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.
ފިލްމު ރިލީޒް ކުރާ ތާރީޚު ބަދަލު ކުރަންނ ސަންޖޭ ބޭނުން ވަނީ ބޮކްސް އޮފީހުގެ 'ރަސްގެފާނު'ގެ ލަގަބު ދީފައިވާ އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު ވެސް ކައިރި ކައިރީގައި ރިލީޒް ކުރުމަށް ހަމަޖެހިފައި ވާތީ އެވެ.
ސަންޖޭ ބުނީ ދެ ފިލްމު އެކީގައި ރިލީޒް ކުރަން އޭނާ ބޭނުން ނުވާ ކަމަށެވެ.
"އަހަންނަށް އެނގޭ ފިލްމެއް އެފެއްދުމަށް ކުރާ މަސައްކަތާއި ދާ ޚަރަދު. އެހާ ބޮޑު މަސައްކަތެއް ކުރުމަށް ފަހު އެއްވެސް އެހެން ފިލްމަކާ ބޮކްސް އޮފީހުގައި ވާދަ ކުރަން ޖެހުމަކީ އަހަރެން ގަބޫލު ކުރާ ކަމެއް ނޫން. އާމިރު އަކީ އަހަރެންގެ ވަރަށް ގާތް މީހެއް. އަދި އަހަރެން ބޭނުން ނޫން އަހަރެން އެނބުރި އަންނަ ފިލްމު އާމިރުގެ ފިލްމަކާ އެކު ރިލީޒް ކުރާކަށް. އެންމެން ވެސް ވާނެ އެކަކު އަނެކަކަށް އެއްބާރުލުން ދޭން،" ސަންޖޭ ބުނެފައިވެ އެވެ.
ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ބްލޮކްބަސްޓާ ފިލްމު 'ޕީކޭ'ގައި އާމިރު އާއެކު ސަންޖޭ ވެސް ފެނިގެން ދިޔަ އެވެ.
'ބޫމީ' ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޯގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް ސަންޖޭ މިހާރު ވަނީ އެ ތާރީޚު ބަދަލު ކުރުމަށް އެދި ޕްރޮޑިއުސަރުންނަށް ސިޓީ އެއް ފޮނުވައިފަ އެވެ. ތާރީޚު ބަދަލު ކުރާނީ ޓީ-ސީރީޒް އާއި ލެޖެންޑު ސްޓޫޑިއޯސް އިންނެވެ.
އޮމަންގް ކުމާރު ޑައިރެކްޓުކޮށް، ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ އެ ފިލްމަކީ ބައްޕައަކާ އަންހެން ދަރިފުޅުގެ މައްޗަށް ބިނާކޮށް އުފައްދާ އަސަރުގަދަ ފިލްމެކެވެ.