ގދ. ތިނަދޫގައި ފުލުހުންގެ ވޭނަކާއި ސައިކަލެއް ޖެހި އިއްޔެ ހެނދުނު ހިނގި އެކްސިޑެންޓްގައި ޒަޚަމްވެ، ކަނދުރާ ބިނދި، ކޯމާއެއްގައި އޮތް ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް ލަންކާ އަށް ފޮނުވާލައިފި އެވެ.

ތިނަދޫ ބޮޑު މަގަކުން ދުއްވާފައި ދިޔަ ސައިކަލަކާއި ފުލުހުންގެ ވޭނެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި އެ ރަށު ބްރޯން، މޫސާ މަނިކު،32، އަށް އިތުރު ފަރުވާ ދިނުމަށް އިއްޔެ އިރުއޮއްސުނު އިރު ވަނީ މާލެ ގެނެސްފަ އެވެ. އަދި އައިޖީއެމްއެޗްގެ ޑޮކްޓަރުން ބެއްލެވުމަށް ފަހު މޫސާ މަނިކު ލަންކާ އަށް ފުރުވާލީ ރޭގެ ދަންވަރުގެ ފުލައިޓުން ކަމަށް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ މޫސާ މަނިކުގެ ހާލު ވަކި ބަދަލެއް ނުވާ ކަމަށާއި އަދި ވެސް އޮތީ ކޯމާއެއްގައި ކަމަށެވެ. އަދި މޫސަގެ ހިތް މަސައްކަތް ކުރާތީ ބާއްވަފައި އޮތީ ކަމަށް ވެސް އާއިލާ އިން ބުންޏެވެ. ލަންކާ ޑޮކްޓަރުންނާ ހަވާލާދީ މޫސަގެ އާއިލާ އިން ބުނީ މޫސާ މަނިކުގެ ސިކުނޑީގައި ހުރި ސެލްތައް މަރުވެ، ސިކުނޑި މަސައްކަތް ނުކުރާ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ. އަދި މޫސާ މަނިކާ ދޭތެރޭ ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާވި މޫސާ މަނިކުގެ ކަރު ބިނދުމުގެ އިތުރަށް ބޮލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އިއްޔެ ހެނދުނު އެކްސިޑެންޓް ހިނގި ވަގުތު މޫސާ މަނިކު އިނީ ސައިކަލު ދުއްވާށެވެ.

މީގެ ދެ އަހަރުން ކުރިން ވެސް އެކްސިޑެންޓް ވެފައިވާ މަޝްހޫރު ކެޔޮޅު، މޫސާ މަނިކުގެ އެކްސިޑެންޓްގެ ޒިންމާ އުފުލަން ޖެހޭނީ ފުލުހުން ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ އެކްސިޑެންޓް ހިނގީ ތިނަދޫ ބޮޑުމަގުގެ ގްރީން އޭރިއާ ކައިރިން ކަމަށެވެ. އަދި އެ އެކްސިޑެންޓް ހިނގީ ފުލުހުންގެ ވޭން ދުއްވަން އިން މީހާ އަށް ސައިކަލް ފެނުމުން ރޭހަށް އޮބައިލެވިގެން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގި ގޮތް އިތުރަށް ސާފު ކުރަމުން އަންނަ ކަމަށެވެ.