24 Mar 2017, 20:13
ޖަލު ހުކުމް ތަންފީޒް ކުރަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް އޭނޭގެ އަނބިކަބަލުން ނަޒްރާ ނަސީމް ވިދާޅުވެފައި ވަނިކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެކަން ދޮގުކޮށްފިއެވެ.
'ސަން' އާ ވާހަކަ ދައްކަމުން ނަޒްރާ ވިދާޅުވީ މަހްލޫފް މިއަދު މެންދުރުފަހު 2:30 އެހާކަންހާއިރު ގުޅުއްވި ކަމަށާއި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް ވިދާޅުވި ކަމަށެވެ.
ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މަހުލޫފު ކުރަން ފެށީ ލިބެންޖެހޭ ހައްގުތައް ނުލިބޭތީ ކަމަށް ނުޒްރާ ވިދާޅުވި އެވެ.
މަހްލޫފް ބަނޑުހައި ހޫނު ކަމުުގެ ހަޅުތާލު ކުރާ ހަބަރު ދޮގުކޮށް ކަރެކްޝަންގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާނު 'ސަން'އަށް ވިދާޅުވީ މިއަދު މެންދުރު ކެއުމާއި ހަވީރު ސައި ވެސް މަހްލޫފް ނަގާފައި ކަމަށެވެ. އަދި ވިދާޅުވީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ޖަލެއްގައި އެއްވެސް ގައިދީއަކު މިވަގުތު ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކަން އެނގިފައި ނުވާ ކަމަށެވެ.
ނުޒްރާ ވިދާޅުވީ މަހުލޫފަށް ކޮންމެހެން ލިބެން ޖެހޭ ހައްގުތައް ނުލިބޭތީ، އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ސިޓީއަކުން ކަރެކްޝަނުގައި މަހުލޫފު އެދިވަޑައިގެންފައިވާ ކަމަށެވެ.
"ކޮންމެހެން ލިބެންޖެހޭ ތިން ކަމެއް ފާހަގަކޮށްފައިވޭ. އެ ތިން ކަމަކީ ދެ މަސް ދުވަސްވީ އިރު ވެސް މަހްލޫފަށް ލޯޔަރު ވިޒިޓް ވަނީ ނުދީފައި. މަހުލޫފު ވިދާޅުވި އޭނާ ނޫން އެހެން ފަރާތްތަކަށް އެ ފުރުސަތު ވެސް ލިބެމުންދާ ކަމަށް. އެކަމާ ގުޅިގެން ކަރެކްޝަނާ އަޅުގަނޑު ގުޅުމުން އެ ފަރާތުން ބުނީ މަތީ ފަރާތުން އޮތީ ލޯޔަރު ވިޒިޓް ނުދޭން އަންގާފައި ކަމަށް،" ނުޒްރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަހްލޫފްގެ ސިއްހީ ހާލަތު ވެސް ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ކަރެކްޝަނުން ދީފައި ނުވާ ކަމަށެވެ.
މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު މަހުލޫފަށް ތަނަވަސްކޮށްދީފައި ނުވާތީ އެކަމުގެ ކަންބޮޑުވުން މަހުލޫފު ކަރެކްޝަނާ ހިއްސާކޮށްފައިވާ ކަމަށް ނަޒްރާ ފާހަގަ ކުރެއްވި އެވެ.
މަޖިލިސް މެމްބަރަކު ޖަލު ހުކުމެއް ތަންފީޒު ކުރާނަމަ، މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރުކުރަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވާ މާއްދާ 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެވެ.