04 Jul 2011, 10:48
ރާއްޖެ އަށް ޑިމޮކްރަސީ އައި ގޮތުގެ މައްޗަށް ކުރީގެ ނޫސްވެރިޔާ މުހަންމަދު އަބްދުﷲ ޝަފީގު ]މޯޑު[ ލިޔުއްވި ފޮތް "ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު" ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ރޭ ނެރެދެއްވައިފި އެވެ.
މީގެ ނުވަވަރަކަށް އަހަރު ކުރިން، 2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިޔާސީ މައިދާނަށް އައި މުހިންމު ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ، 300 ސޮފުހާގެ ފޮތް ރާއްޖޭގެ ސިޔާސީ މައިދާނުގެ މުހިންމު ހިދުކޮޅުތައް ހިނގައި ދިޔަ ގޮތާއި އެކަމުން ކުރި އަސަރާއި އަދި އެކަމާ ގުޅުން ހުރި ފޮޓޯތައް އެ ފޮތުގައި ހިމަނާފައިވެ އެވެ.
މޯޑް ވިދާޅުވީ އެ ފޮތުގައި ހިމަނާފައި ހުރި ގިނަ ފޮޓޯތަކަކީ އޭނާ އަމިއްލަ އަށް ނަގާފައި ހުރި ފޮޓޯތައް ކަމަށެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އެހީއާ އެކު ނެރުނު އެ ފޮތުގައި މޯޑު ވަނީ މައިގަނޑު 17 ޗެޕްޓާއެއް ހިމަނުއްވައިފަ އެވެ. އެއީ 2003 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ހިނގައި ދިޔަ ހާދިސާތައް އެ ހާދިސާއެއް ހިނގި ތާރީހަށް އިސްކަންދީގެންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހިނގައި ދިޔަ ހާއްސަ ހާދިސާތަކަށް ތަފްސީލުކޮށް ބަލާލައިފައިވާ އިރު މޯޑުގެ އަމިއްލަ ބައެއް ތަޖުރިބާތައް އެ ފޮތުގައި ލިޔެފައިވެ އެވެ.
"އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް މިރޭ މި ހާސިލްވީ،" ފޮތް ނެރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މޯޑު ވިދާޅުވި އެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ކުރި އިސްލާހުގެ މަސައްކަތަކީ ބައެއްގެ ހައްގުތަކަށް އަރައި ނުގަނެ ކެތްތެރިކަމާ އެކު ކުރިއަށް ގެންދިޔަ ސުލްހަވެރިކަމުގެ ސިޔާސީ ހަރަކާތެއް ކަމަށެވެ. އަދި އެއީ ރާއްޖެ އަށް އައި އިސްލާހީ ބަދަލުގެ އަސްލު ކަމަށެވެ. ނަމަވެސް އެ މަގުސަދާ ހިލާފަށް ކުރީގެ ވެރިންނާއި އާއިލާތައް ހިފައި ހައްޔަރުކުރުމުގެ ފިއްތުންތައް ކުރިމަތިވާ ކަމަށެވެ.
"....އަޅުގަނޑު މިހެން ދަންނަވާއިރުގައި ހައްޔަރު ކުރުމުގެ ޕްރެޝަރު ނުވަތަ ހައްޔަރު ކުރުމަށް މަޖުބޫރުކުރާ އެތައް އެތައް ފަހަރުތަކެއް، ވަގުތުތަކެއް ދޭ. ބައެއް ފަހަރަށް އެ ފަހަރު ފަހަރުގައި ކުރު މުއްދަތަކަށް ބައެއް ބޭފުޅުން ހައްޔަރު ވެސް ކުރެވިފައި އެބަހުރި. އެއީ ދެރަ ކަމެއް،" އަދި ވިދާޅުވީ "(އެ ބަދަލުގެނެވުނީ) އަޅުގަނޑުމެން ހިކުމަތްތެރިކަމާ އެކު އަދި ކެތްތެރިކަމާ އެކީގައި މަސައްކަތް ކުރަމުން ގެންދާތީ،" ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މޯޑުކޮށްފައި އެ ވަނީ ބުރަ މަސައްކަތެއް ކަމަށާއި އޭގައި ވަރަށް ސާފުކޮށް އިސްލާހީ މަސައްކަތުގެ ވާހަކަ ގެނެސްދީފައިވެ އެވެ.
"އަޅުގަނޑު މިއަދު އެ ފޮތް ބަލައިލީމާ އެބަ އެގޭ އޭރުގައި ވެސް އަޅުގަނޑުމެންނަށް ވާހަކަ ދެއްކިފައި ހުރީ ވަރަށް ސާފުކޮށްކަން. އަޅުގަނޑަކީ އެހާ ސާފުކޮށް ވާހަކަ ދެއްކޭ މީހެއްނޫން. އެކަމަކު އެވާހަކަތައް މިހުރީ ވަރަށް ސީދަލަށް ސާފުތެދަށް ދެއްކިފައި،" ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖެ ޑިމޮކްރަސީ އަށް ކުރިދަތުރު ލިބެން ހުންނާނީ އެމްއެންބީސީގެ ފިހާރައިންކަމަށް މޯޑު ބުންޏެވެ. އަދި އެ ފޮތުގެ އަގަކީ 300ރ. އެވެ.