ފެތުރެމުންދާ އިންފްލުއެންޒާ ރޯގާ އަށް ހާއްސަކޮށްގެން އައިޖީއެމްއެޗުން ތާޖުއްދީން ސްކޫލްގައި ހުޅުވާފައިވާ ފްލޫ ކްލިނިކް ބަންދުކޮށް އައިޖީއެމްއެޗުން ހިދުމަތް ދިނުމަށް ނިންމައިފިއެވެ.

ތާޖުއްދީން ސްކޫލްގައި ފްލޫ ކްލިނިކް ހުޅުވީ ރޯގާގެ ސަބަބުން ގިނަ އަދަދެއްގެ މީހުން އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ގޮސް އެ ހޮސްޕިޓަލަށް ބާރު ބޮޑުވުމުގެ ސަބަބުުންނެވެ.

އައިޖީއެމްއެޗުގެ މީޑިއާ ޑިޕާޓްމެންޓްގެ ޑިރެކްޓަރު އަހަމަދު މައުސޫމް 'ސަން'އަށް ވިދާޅުވީ ތާޖުއްދީން ސްކޫލްގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކް އައިޗީއެމްއެޗަށް ބަދަކުރަން ނިންމީ ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަދުވެ އަންނަ އާދިއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ނިންމާފައި ވުމުން ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިކުރަނީ އިކުއިޕްމެންޓްތައް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސަތްކަތް. މިބަލަނީ މިރޭ އެއްކޮށް އައިޖީއެމްއެޗަށް ސިފްޓްކޮށް ހިދުމަށް ދޭން ފެށޭނެ ކަމަށް،" މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފްލޫ ކްލިނިކް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސަތްކަތް ހިގަމުންދިޔަ ނަމަވެސް މިހާރު ވެސް އެތަނުން ހިދުމަތް ދެމުން ދާނެ ކަމަށާއި އައިޗީއެމްއެޗަށް ބަދަލުކުރުމުން ވެސް މެދު ނުކެނޑި 24 ގަޑިއިރުގެ ހިދުމަތް ދޭނެ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ ތާޖުއްދީން ސްކޫލްގައި ފްލޫ ކްލިނިކް ހިންގި ނަމަވެސް އެ ތަން އެއްކޮށް ދޫކޮށްލާނީ ކެމިކަލްއިން ތަން ރަނގަޅަށް ސާފުކޮށްފައި ކަމަށެވެ.

މިއަހަރުގެ މިހާތަނަށް 460 މީހަކު އެޗްޗަންއެންވަން އަށް ޓެސްޓުކޮށްފައިވާ އިރު، ޖުމްލަ 176 މީހުން ވަނީ އެ ރޯގާ އަށް ޕޮޒިޓިވްވެފަ އެވެ. އެޗްވަންއެންވަން އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 23 މީހުންނަށެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މިންވަރު އަންނަނީ ފާއިތުވި ފަސް ދުވަހު ދަށަށް ދަމުންނެވެ.