24 Mar 2017, 13:21
ފެނަކީ އިންސާނުންނަށް މާތް ﷲ ދެއްވާފައިވާ ނިއުމަތެއް ކަމުން، އެފެން ބޭނުން ކުރަންޖެހޭނީ އެފެނަކީ ނިއުމަތެއް ކަން ހަނދާނުގައި ބަހައްޓައިގެން ޝުކުރުވެރިކަމާ އެކުގައި ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.
ދުނިޔޭގައި ލައްވާފައިވާ މީރު ފެނުގެ މިންވަރަކީ މަދު މިންވަރެއް ކަމަށާއި، ފެން ބޭނުން ކުރުމުގައި އެކަމަށް ވިސްނަން ޖެހޭނެ ކަމަށް ޚުތުބާގައިވަނީ ބުނެފަ އެވެ. އަދި މާތް ﷲ ދެއްވާފައިވާ ފެނުގެ ނިއުމަތަށް ޝުކުރުވެރިވުމަށް ގޮވާލައި މިއަދު ހުތުބާގައި ބުނެފައިވަނީ، ޝުކުރުވެރި ނުވާނަމަ ފެނަށްޖެހި ހައިހޫނުކަމުގެ ތެރެއަށް ވެއްޓިދާނެ ކަމަށެވެ.
"ފެނަކީ މީރު ބުއިމެއްގެ ގޮތުގައި އެންމެގައި މަޚްލޫގުންނަށް ދެއްވާފައިވާ ނިއުމަތެއްކަން ބަޔާން ކުރައްވައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، "އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ." ހިތުބާގައި ބުނެފައިވެއެވެ.
ދިވެހީންގެ ހާލަތަށް އައިސްފައިވާ ބަދަލުތައް ފާހަގަ ކުރައްވައި ޚުތުބާގައި ބުނެފައިވަނީ، ދިވެހީންނަކީ ކުރިން ފެން ގަނެގެން ބޭނުން ކުރަމުން އައި ބައެއް ނޫން ކަމަށާއި، ނަމަވެސް މިއަދު އެ ހާލަތު ބަދަލުވެފައިވާ ކަމަށެވެ. އަދި އެއީ ދިވެހިންގެ އަތުން ކޮށްފައިވާ އެތައް ކަމެއްގެ ހިތި ތަޖުރިބާކަމަށް ހުތުބާގައިވަނީ ބުނެފަ އެވެ.
ކީރިތި ރަސޫލާ ވަނީ ފެން އިސްރާފު ނުކުރުމަށް އިރުޝާދުދެއްވާފަ އެވެ. އަދި އިސްރާފު ކުރާ މީހުންދެކެ މާތްﷲ ލޯބިވެ ވޮޑިގެން ނުވާ ކަމަށްވެސް ވަނީ މިއަދުގެ ޚުބުތާގައި ފާހަގަ ކުރައްވާފަ އެވެ.
މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ، "ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."
އުޑުން ފެން ވެއްސެވުމުގައި ވަރަށް ގިނަ ހިކުމަތްތަކެއް ލައްވާފައިވާކަން މިއަދުގެ ޚުތުބާގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން، އިންސާނުންނަށް ބޭނުންވާ ބޭނުންތައް ފުއްދައިދިނުމާއި، ސާފު ޠާހިރުވުމާއި ހަދަޘް އެރެގަތުން އަދި ކަރުހިއްކުން ފިލުވައިދިނުން ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ.
ދިރޭ ކޮންމެ އެއްޗަކާ ފެނާ ބޮޑު ގުޅުމެއް އޮންނަ ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފަ އެވެ. އެގޮތުން ފަހުގެ ދިރާސާތަކުން އެނގޭގޮތުގައި އިންސާނާގެ ހަށިގަނޑުގައި 60 ޕަސަންޓާއި 70 ޕަސަންޓާ ދެމެދުގެ މިންވަރަކަށް ފެން ވެ އެވެ. އެހެންކަމުން އިންސާނާ ދުޅަހެޔޮކަންމަތީ ހުރުމަށް ސާފު ފެން ބޯންޖެހޭ ކަމަށާއި، އެއީ އިންސާނާގެ ކާނާގެ ތެރޭގައި ހިމެނެން ޖެހޭ އަސާސީ ބައެއް ކަމަށް ހުތުބާގައި ފާހަގަ ކުރެއްވި އެވެ.
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ނަމަ ލިބޭ، ތަފާތު އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެ އުނދަގޫތަކުން ސަލާމަތްވުމަށް ފުދޭ ވަރަށް ފެން ބުއިމަކީ މުހިއްމުކަމެއްކަމުގައިވެސް މިއަދުގެ ހުތުބާގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.
މިއަދުގެ ޚުތުބާގައި ވަނީ އެއްވެސް މިންވަރަކަށް ފެން އިސްރާފު ނުކުރުމަށާއި، ފެނުގެ ނިއުމަތް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ގޮވާލައި ބާރުއަޅުއްވާފަ އެވެ.