04 Jul 2011, 10:19
ގާނޫނީ ވަކީލުންގެ ޖަމިއްޔާ "ދަ ލޯ ސޮސައިޓީ އޮފް މޯލްޑިވްސް"ގެ މުސްތަގުބަލް ކަނޑައެޅުމަށް ނުވަތަ އެނޫން ފޯރަމެއް އުފެއްދުމަށް ޓަކައި ޚިޔާލު ބަދަލުކުރުމަށް އެ ޖަމިއްޔާގެ މެމްބަރުންނާއި އެ ނޫން ވެސް ގާނޫނީ ވަކީލުންގެ ބައްދަލުވުމެއް އަންނަ ބުދަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
ވަކީލުންގެ ބައްދަލުވުން ބާއްވަން އިސްނަންގަވާފައި ވަނީ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދެވެ.
ނަވާރަ ސަތޭކަ ނުވަދިހަ އެއް ވަނަ އަހަރު އުފެއްދި ވަކީލުންގެ ޖަމިއްޔާގެ ބައްދަލުވުމާ ބެހޭ ގޮތުން ނޫސްތަކަށް މައުލޫމާތު ދެއްވުމަށް ސުއޫދު މިއަދު ފޮނުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ލީގަލް ޕްރޮފެޝަން މިއަދު ވަނީ ވަރަށް ނިކަމެތި ހާލަތެއްގަ އެވެ.
ސުއޫދު ވިދާޅުވެފައިވެ އެވެ.
"ދިވެހި ރާއްޖޭގެ ގާނޫނީ ވަކީލުންނާ މެދު އެކިއެކި ފަރާތްތަކުން ، އަމަލުކުރަމުން ގެންދަނީ ވަރަށް އިހާނެތިކޮށެވެ. ގާނޫނީ ވަކީލުންނަކީ ކޯޓްތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދީ އަދުލު އިންސާފު ގާއިމްކުރުމުގައި ކޯޓްތަކާ އެކު މަސައްކަތްކުރަން ޖެހޭ ބަޔަކަށް ވާއިރު ވެސް ކޯޓްތަކުން ގާނޫނީ ވަކީލުންނާ މެދު ދެކެމުން އަންނަނީ ގާނޫނީ ވަކީލުންނަކީ ކޯޓްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާ ބައެއް ކަމުގަ އެވެ. އަދި ގާނޫނީ ވަކީލުންގެ އަގު ވަޒަން ނުކުރައްވާ ހާލަތުގައި އެކިއެކި ފަރާތްތަކުން ގެންދަނީ ގާނޫނީ ވަކީލުންގެ މަސައްކަތަށް ހުރަސް އަޅަމުންނެވެ."
ސުއޫދު ވިދާޅުވެފައިވާ ގޮތުގައި ގާނޫނީ ވަކީލުންގެ ހައްގުތައް ހޯދައި، ގާނޫނީ ވަކީލުންނަށް އިހުތިރާމާ އެކު ކޯޓްތަކުގައި މަސައްކަތްކުރެވޭނެ މާހައުލެއް ހޯދުމުގެ މަސައްކަތް ކުރުމަށާއި ގާނޫނީ ވަކީލުންގެ މުވައްކިލުންނަށް އިންސާފު ހޯދުމުގައި އެކިއެކި ފަރާތްތަކުން މެދުވެރިކުރަމުންދާ ހުރަސްތަކާއި ދަތިތައް ހައްލުކުރުމަށް ޓަކައި މަސައްކަތް ކުރާނެ ޕްލެޓްފޯމެއް މިވަގުތު ބޭނުންވެ އެވެ. އަދި ކުރިން އޮތް އެފަދަ ޕްލެޓްފޯމަކީ 1991 ވަނަ އަހަރު އުފެއްދި ދަ ލޯ ސޮސައިޓީ އޮފް މޯލްޑިވްސް ކަމަށާއި ނަމަވެސް އެ ސޮސައިޓީ ވަނީ ވަޅުޖަހާފައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ގިނަ ޕްރޮފެޝަންތަކަށް ނިސްބަތްވާ މީހުންގެ ޖަމިއްޔާތަކާއި ޔޫނިއަންތައް މިހާރު އަންނަނީ އުފެދެމުންނެވެ.