ވަރަށް ސިއްރުން ގުޅިގެން އުޅުމަށް ފަހު، އަރަމުން އަންނަ ދެ ތަރިން ކަމުގައިވާ ސުޝާންތު ސިންގ ރާޖްޕުތު އަދި ކްރިތީ ސަނޯން އެ ގުޅުން ނިމުމަކަށް ގެނެސްފައި ވާކަމަށް ޚަބަރުތައް ބުނެފި އެވެ.

ޚަބަރުތައް ބުނާ ގޮތުން ސުޝާންތު އާއި ކްރިތީގެ ލޯބީގެ ގޮތުން ގުޅިފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން، ދެމީހުންގެ ކުރިއަށް އޮތް ފިލްމު 'ރާބްތާ' ގެ ޝޫޓިންގގެ ތެރެއިންނެވެ.

އެއް އަހަރު އެކީގައި އުޅުމަށް ފަހު ދެމީހުން ވަކިވާން ނިންމީ، ދެމީހުންގެ ތަފާތު ތައް އިތުރުވެ، ގުޅުން ހީނަރުވާން ފެށުމުންނެވެ.

އެގޮތުން ސުޝާންތުގެ ރުޅި ކޮންޓްރޯލް ނުކުރެވުމާއި، ކްރިތީ މާ ޕޮސެސިވް ވުން ފަދަ ކަންކަމުގެ ސަބަބުން، ވަކިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރެވުނީ ކަމަށް ދެމީހުންގެ ގާތް ފަރާތަކުން ވަނީ ބުނެފައެވެ.

ދެ މީހުންގެ ގުޅުން މީޑިއާ އާއި އާންމުންނާ ސިއްރު ކޮށްފައި ވަނީ ވެސް، ޚުދު އެ ދެމީހުންނަށް ވެސް އެ ގުޅުމަށް އިތުބާރު ނެތުމުން ކަމަށް ޚަބަރުތައް ބުނެ އެވެ.