04 Jul 2011, 09:16
އަޅުގަނޑުމެންގެ ދަރީންގެ ތައުލީމީ ހަޔާތުގެ އެންމެ މުހިއްމު އެއް ބަޔަކީ "ވޯލްޓް ޑިޒްނީ އިންޓަރނޭޝަނަލް އިސްލާމިކް ޕްރައިމަރީ ސްކޫލް" އެވެ. ދުނިޔަވީ ދިރިއުޅުމަށްޓަކައި އެކުދީންނަށް ފުރަތަމަ ފެންނަ "ރޯލްމޮޑެލުން"ނަކީ ސިންދްރެއްލާއާއި ސްނޯވައިޓާއި ޕޮކަހޯންޓަހާއި ލިޓްލް މާރމެއިޑެވެ. މީގެ ތެރެއިން ކޮންމެ "ރޯލްމޮޑެލަކީ" ވެސް ކައިވަންޏަކާ ނުލައި ފިރިހެނުންނާ ލޯބީގެ ގުޅުން ބާއްވައި، ޖިންސީ ގޮތުން "ގާތްވެ" އުޅޭ "މީހުން"ނެވެ. އެ މަންޒަރުތައް ކާޓޫނުތަކުން ދައްކަ އެވެ. ނުވިތާކަށް އެއިން "އެކަކު" ވެސް އަޅައިގެން ހުންނަނީ ސަހަލު ހެދުމެއް ނޫނެވެ. މިސާލަކަށް، "ލިޓްލް މާރމެއިޑް"ގެ ފޮޓޯއެއް ކޮންމެވެސް ތަނަކުން ހޯއްދަވައިގެން ބައްލަވައިލައްވާށެވެ. މިއީ ދޮގެއް ނޫންކަން އެނގިވަޑައިގަންނަވާނެ އެވެ.
ނަމަވެސް މިމައްސަލަ މައްސަލައެއްގެ ގޮތުގައި ނަގާ މަދު މީހަކު ނޫނީ ނެތެވެ. މިކަމާ ކަންބޮޑުވާ މީހުންގެ އަދަދު އަތުގެ ފަސް އިނގިލީން ގުނާލެވެ އެވެ. އިސްތިސްނާ ހާލަތްތަކުގައި މެނުވީ، އަޅުގަނޑުމެންގެ ވިސްނުމަކީ ދަރީންނަށް އިނގިރޭސި ބަސް އުނގަންނައިދިނުމަށް ޓަކައި ކޮންމެ ފަދަ ކަމެއް ކުރުމަކީ ވެސް މައްސަލައެއް ނޫންކަމެވެ. އިނގިރޭސި ބަސް އިސްލާމީ އަޚްލާޤީ ހައްދުތަކުގެ ތެރޭގައި ކިޔަވައިދެވޭނޭ ގޮތްތައް ހުއްޓަސް އެކަމާ މެދު ވިސްނާ ބަޔަކު ނުހަނު މަދެވެ. މިއަދު ޢަރަބި ބަސް އުނގެނުމަކީ ވެސް ދިވެހީންގެ ނަޒަރުގައި ކަޓުމުއްލާ ކަމެކެވެ. މިގޮތަށް ދެކޭ "ދީނީ ޢިލްމުވެރީން" ވެސް އަޅުގަނޑު މި ޤައުމުން ދެކެފީމެވެ. "ޢަރަބި ބަސް ކިޔެވުމަކީ ބޭކާރު ކަމެކޭ، މިހާރު ކާމިޔާބު މީހަކަށް ވެވޭނީ އިނގިރޭސި ބަސް ކިޔަވައިގެންނޭ، އަހަރެމެން ވެސް އިނގިރޭސި ބަހުގެ ބަދަލުގައި ޢަރަބި ބަސް ކިޔެވުނީތީ ދެރަވެޔޭ" ބުނާ "ޝައިޚުން"ގެ އަޑުވެސް އަޅުގަނޑު އަހައިފީމެވެ.
ލިޓްލް މާރމެއިޑާއި ސްނޯވައިޓަށް ފަހު "ބޮޑު މަންޒަރަށް" ދެން އަންނަނީ ހޭނާ މޮންޓާނާ އެވެ. މިލޭ ސައިރަހެވެ. އަޅުގަނޑުމެންގެ ޅަދަރީންގެ ތައުލީމީ ހަޔާތުގެ ދެވަނަ މަރުހަލާގައި ރޯލްމޮޑެލަކީ އޭނާ އެވެ. ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން ހޭނާ މޮންޓާނާ އާއި އެ ކެރެކްޓަރ ކުޅޭ މިލޭ ސައިރަސްގެ ކަންތައް "ޕޮކަހޯންޓަހަށް" ވުރެ އެތައް ގުނައެއް ބޮޑެވެ. މާލޭގެ މަގުމަތީން ސްކޫލަށް ދާ ކުޑަ އަންހެން ކުއްޖަކު ފެނިއްޖެ ނަމަ، މަދު ފަހަރަކު މެނުވީ އެކުއްޖެއްގެ ދަބަހުން އެމީހެއްގެ ފޮޓޯ ފެންނަ މިލޭ ސައިރަހަކީ އެއްޖިންސުން ގުޅުންހިންގުން ކަމުގައި ބެލެވޭ ފަދަ އަމަލުތަކެއް ހިންގައި، އެކަންތައް ކުރަނިކޮށް ނަގާފައި ހުރި ފޮޓޯތަކެއް އޭނާގެ މައިސްޕޭސް އެކައުންޓަށް ޕޯސްޓްކުރި މީހެކެވެ. މީގެ އިތުރުން، އުމުރުން 16 އަހަރު ވެސް ނުވަނީސް ނަގާފައިވާ އޭނާގެ ފާހިޝް ފޮޓޯތަކެއް ވެސް އިންޓަރނެޓަށް ވަނީ ލީކުވެފަ އެވެ. މިއީ އަދި އޭނާ ކުޅެފައި ހުރި، އަޅުގަނޑުމެންގެ ޅަކުދީން ބަލައިއުޅޭ ފިލްމުތަކުގައި ހުންނަ ފާހިޝް މަންޒަރުތަކުގެ އިތުރުން ހިނގާ ކަންތައްތަކުގެ ވާހަކަ އެވެ.
ހޭނާ މޮންޓާނާ އަށް ފަހު ދެން އަޅުގަނޑުމެންގެ ދަރީންނަށް ފެންނަނީ މެޑޯނާ އެވެ. ބްރިޓްނީ ސްޕިއަރސް އެވެ. ލޭޑީ ގާގާއެވެ. ރައިހާނާއެވެ. ޖެނިފާ ލޮޕޭޒެވެ. މީގެ ތެރެއިން ކޮންމެ މީހަކީ އެމީހެއްގެ ހުނަރާއި މަޝްހޫރުކަމުގެ ބޭނުން ހިފައިގެން ފާހިޝް ކަންތައްތައް ދުނިޔޭގައި ފަތުރާ މީހުންނެވެ. ހެދުން އަޅައިގެންމެ، އޮރިޔާން ހާލުގައި ތިބޭ ވަހުޝީ މީހުންނެވެ. ޒުވާނުންގެ ދުނިޔެއަކީ ޖިންސީ ކަންތައްތަކާއި ނާޗަރަންގީކަމުގެ ވިސްނުން ފަތުރާ މީހުންނެވެ. އަޅުގަނޑުމެންގެ ޒުވާނުން މިމީހުން އުޅޭ ގޮތަށް އުޅުމުން އެކަމާ ހައިރާންވާކަށެއް ނުޖެހެއެވެ. އެހެނީ އެމީސްމީހުންނަކީ ރޯލްމޮޑެލުން ކަމަށް ދައްކަނީ ޚުދު އަޅުގަނޑުމެން އަމިއްލަޔަށެވެ. އެމީސްމީހުން ފާހިޝް މަންޒަރުތަކާއި ފާހިޝް ބަސްތައް ބޭނުންކޮށްގެން ހަދައިފައި ނެރޭ ލަވަތަކާއި ވީޑިއޯތައް މި މުޖުތަމައުގައި އާއްމުކޮށް ދައްކަނީ ޚުދު ދިވެހި ރާއްޖޭގެ ޓީވީތަކުންނެވެ.
މި ދެންނެވި "ފަންނާނުން" ކުޅެފައި ނެރޭ ކޮންމެ ވީޑިއޯއަކީ ވެސް ފާހިޝް މަންޒަރުތައް ހިމެނޭ ވީޑިއޯއެކޭ ދެންނެވުމަކީ ކުށަކަށް ވާނެހެން އަޅުގަނޑަކަށް ހީއެއް ނުވެއެވެ. އެ މަންޒަރުތައް ދިވެހި ޓީވީ ޗެނަލްތަކުން ދެއްކުމުން އަޅުގަނޑުމެންގެ ކުޑަކުދީންނަށް އެތަކެތި ފެނެއެވެ. ޅަޒުވާން ކުދީން އެތަކެތި ބަލަ އެވެ. އޭގެ ސަބަބުން އެކުދީންގެ ޝަހުސިއްޔަތަށް ކުރާނެ އަސަރުތަކާ މެދު ވިސްނަނީ ކާކުތޯއެވެ؟ ހަމައެކަނި މި ދެންނެވި ފަދަ "ސެލެބްރިޓީން"ނެއް ނޫނެވެ. ޚުދު ދިވެހި ރާއްޖޭގައި ތައްޔާރުކުރާ އިޝްތިހާރުތަކުގައި ޖިންސީ އަދި ފާހިޝް ވިސްނުންތަކަށް މީހުން ލަންބުވާލާ މަންޒަރުތައް ކިހައިވަރަކަށް ދައްކާތޯއެވެ؟ ދިވެހި ރާއްޖޭގައި ތައްޔާރުކުރާ ވީޑިއޯލަވަތަކާއި ފިލްމުތަކުގައި ހުންނަ މަންޒަރުތައް ވަކީން ސަހަލުތޯއެވެ؟ ދިވެހި ރާއްޖޭގައި ދައްކާ ސެޓެލައިޓް ކޭބަލް ޓީވީގެ ޗެނަލްތަކުން ފާހިޝް އަދި ޖިންސީ މަންޒަރުތައް ކިހައިވަރަކަށް ދައްކާތޯއެވެ؟ މިކަމާމެދު ވިސްނަނީ ކާކުތޯއެވެ؟ މިކަމާ މެދު ބަޔާންތައް ނެރެނީ ކޮން ބައެއްތޯއެވެ؟
ދިވެހި ރާއްޖޭގެ "ޓީނޭޖް" އުމުރުގެ ކުދީންގެ ތެރޭގައި އެންމެ ހިނގާ ވާހަކަތަކަކީ ކޮބައިތޯ ދިރާސާއެއް ކޮށްލައިފި ނަމަ، އެވާހަކަތަކަކީ "މިލްސް އެންޑް ބޫން" ސީރީޒްގެ ވާހަކަތައް ކަމަށް ވުމަކީ ވަރަށް ގާތް ކަމެކެވެ. މިލްސް އެންޑް ބޫން ވާހަކަތައް ދިވެހި ރާއްޖޭގެ ފޮތްފިހާރަތަކުގައި އާއްމުކޮށް ވިއްކަން ހުރެ އެވެ. މި ވާހަކަތަކަކީ ކަނޑައެޅިގެން "ޕޯރނޯގްރަފީ" ކަމުގައި ބެލެވޭނެ އެއްޗެހިތަކެކެވެ. ޕޯރނޯގްރަފީގެ އެންމެ މަތީ ދަރަޖައަށް ލައްވާނުލިޔަސް، އޭގެ ދާއިރާއިން މި ވާހަކަތައް ބޭރުވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. އަޅުގަނޑުގެ ބަހާ މެދު ޔަގީންކަން ހޯއްދަވަން ބޭނުންފުޅު ނަމަ މާލޭގެ ފޮތްފިހާރައަކަށް ވަދެވަޑައިގެން އޭގެ ފޮތެއް ހޯއްދަވައިގެން ފަރުވާތެރިކަމާއެކު، ރަނގަޅަށް ބައްލަވައިލައްވާށެވެ! މިލްސް އެންޑް ބޫންގެ އިތުރުން ދިވެހި ކުދީން ކިޔައިއުޅޭ "ސްވީޓްވެލީ" ސީރީޒްއާއި "ނޭންސީ ޑްރޫވ" ފަދަ ފޮތްތަކަކީ ވެސް ޖިންސީ ގޮތުން "މިނިވަން" ވިސްނުމެއް ކުދީންގެ ކިބައިގައި އުފެދޭ ގޮތްގޮތަށް ލިޔެފައި ހުންނަ ވާހަކަތަކެވެ. މިކަމާ މެދު ކަންބޮޑުވުން ފާޅުކުރީ ކާކުތޯއެވެ؟ އެތަކެތީގެ ސަބަބުން ކުދީންގެ ޝަހުސިއްޔަތު ހަލާކުވެ، ފާހިޝް ވިސްނުންތަކަށް ކުދީން އަޅުވެތިވެގެންދާކަން ފާހަގަކޮށް، އެކަމާމެދު ވާހަކަދައްކަނީ ކޮންބައެއްތޯއެވެ؟
ދިވެހި ރާއްޖޭގެ ފޮތްފިހާރަތަކުން ލިބެން ހުރި "ޕޯރނޯގްރަފީ" ގެ ދާއިރާއަށް ފެތޭ ހަމައެކަނި ވާހަކަތަކަކީ މިލްސް އެންޑް ބޫން ވާހަކަތަކެއް ނޫނެވެ. އެނޫނަސް "ރޮމޭންސް" ގެ ލޭބަލް ޖަހައިފައި ފިހާރަތަކުގައި މި ބާވަތުގެ އެތައް ވާހަކައެއް ވިއްކަން ހުރެއެވެ. ހެރާލްޑް ރޮބިންސް ފަދަ ލިޔުންތެރީންގެ ވާހަކަތަކެވެ. މި ވާހަކަތަކަކީ ޖިންސީ މަންޒަރުތައް ރީތިކޮށް ސިފަކޮށްދީ، ހުތުރު ބަހުރުވައިން އެ ފަދަ އަމަލުތައް ހިނގާގޮތް ކިޔައިދޭ ވާހަކަތަކެވެ. ނުވިތާކަށް، ފާހިޝްކަން ހައްދުފަހަނަޅާފައި ހުންނަ ފޮޓޯތައް އެވާހަކަތަކުގެ ބަނޑޭރިގަނޑުގައި ޖަހައިފައި ހުންނަ ވާހަކަތަކެވެ. ނަމަވެސް މިކަންވެސް އަޅުގަނޑުމެންގެ ތެރޭގައި މާކަ ބޮޑު ކަމަކަށް ނުވެއެވެ. ބެލެނިވެރީން ފޮތްފިހާރަތަކަށް ކުދީން ގޮވައިގެން ވަޑައިގަންނަވައި، ބެލެނިވެރީންގެ ހާޒިރުގައި ކުދީން މި ދެންނެވި ފޮތްތައް ނަގައިގެން ހުޅުވައިގެން ތިއްބައިވެސް އަޅުގަނޑު ދުށީމެވެ. މައްސަލައެއް ނެތްތާއެވެ! އެތަކެތީން ވެސް ކުދީންގެ އިނގިރޭސި ފެންވަރު ރަނގަޅުވޭ ވިއްޔާއެވެ! ފޮތް ވިއްކާ މީހާޔަށް ނުހަނު ބޮޑު ފައިދާ ވެސްވޭ ވިއްޔާއެވެ!
ދެން އޮތީ އިންޓަރނެޓުގެ ވާހަކައެވެ. އިންޓަރނެޓަކީ އޭގެ ފައިދާތަކާއި ބޭނުންތައް ގިނަގުނަ އެއްޗެކެވެ. އެކަމާ ދެކޮޅު ހަދާކަށް އަޅުގަނޑު ނުއުޅެމެވެ. ނަމަވެސް މިޒަމާނުގައި ފާހިޝް ކަންތައްތައް ދުނިޔެއަށް ފެތުރުމަށްޓަކައި ޝައިތާނިއްޔަތުގެ އަހުލުވެރީން އެންމެ ބޮޑަށް ބޭނުންކުރާ އެއް ވަސީލަތަކީ އިންޓަރނެޓެވެ. މިއީވެސް އަޅުގަނޑުމެން ހަނދާނުން ނައްތާލައިގެން ވާނެ ކަމެއް ނޫނެވެ. ނަމަވެސް ދިވެހި ރާއްޖޭގައި މިކަމާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅެނީ ކިހައިވަރަކަށް ބާވައެވެ! ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އިންޓަރނެޓްގެ ބައެއް ސައިޓްތައް ބްލޮކްކުރެއެވެ. ފާހިޝް ސައިޓްތައް ބްލޮކްކުރުމަކީވެސް ކުރެވޭ ކަމެކެވެ. ބައެއް ގައުމުތަކުގައި ކުރާ ކަމެކެވެ. ނަމަވެސް ރާއްޖޭގައި އެ ސައިޓްތަކަށް ވަނުމުގައިވެސް އެއްވެސް ހުރަހެއް އޮތް ހެނެއް އަޅުގަނޑަކަށް ހީއެއް ނުވެއެވެ. ސްކޫލްކުދީންގެ ޕެންޑްރައިވްތަކާއި ކޮމްޕިޔުޓަރުތަކުން، އިންޓަރނެޓުން ނަގައިފައި ހުންނަ ފާހިޝް ވީޑިއޯތަކާއި ފޮޓޯތައް ފެނުމަކީ އާއްމުކޮށް ހިނގާ ކަމެކެވެ. ނަމަވެސް މިކަމާ މެދު އަޅުގަނޑުމެންގެ ތައުލީމީ ވުޒާރާއިން ކަންބޮޑުވެގެން އުޅުއްވާ ތަނެއް ނުފެނެއެވެ.
ދިވެހި މުޖުތަމައު މިވަނީ ފާހިޝްކަމާއި ޖިންސީ ހައްދުފަހަނައެޅުންތަކުގެ އެންމެ މަތީ ދަރަޖައަށް ވާސިލުވެފައެވެ. ދިވެހި އަންހެން ކުދީން ހެދުން އެޅުމުގައި ނަމޫނާއަކަށް ބަލަނީ މިލޭ ސައިރަހާއި ބްރިޓްނީ ސްޕިއަރޒްއެވެ. ޅައުމުރުގައި "ރައްޓެހި"ވެގެން ބަދުއަހުލާގީ އަމަލުތައް ކުރުމަކީ މިހާރު ދިވެހި ދިރިއުޅުމުގެ އެންމެ މުހިއްމު ބައެވެ. ޒިނޭ އާއްމުވެ، ޒިނޭހާނާތައް މިވަނީ ގައުމުގައި އެންމެ ހިނގާ އެއް ވިޔަފާރިއަށް ވެފައެވެ. މާދަމައެއް އޮތް ކަމާމެދު ބިރެއް، ޖެހިލުމެއް، ވިސްނުމެއް، ފިކުރެއް ނެތި "ގާރޫނު ވިޔަފާރިން" މިލިއަނުން ފައިދާ ހޯދައިގެން އުޅޭ "ގާރޫނުތައް" އަޅުގަނޑުމެންގެ ތެރޭގައި މަތިހަށިނަގައިގެން ހިނގަނީއެވެ. މުޖުތަމައުގައި އެމީހުންނަށް އޮތީ ބާރާއި ގަދަރާއި އިހުތިރާމެވެ. ދައުލަތުގެ "ބަނުމާއި މޮހުމުގެ" އަހުލުވެރީން ފާހިޝް އަމަލުތަކުގެ ތެރެއަށް ގެނބިފައި ތިބިކަން އެނގުމުން ވެސް އަޅުގަނޑުމެންނަށް އެކަން މާކަބޮޑު ކަމަކަށް ނުވިއެވެ. މާލޭގެ ބަނދަރުގައި އޮތް ބޯޓަކުން ފަރުމައްޗަށް ސަތޭކަ ވަރަކަށް ޕްލާސްޓިކް ކޮތަޅު އަޅައިލުމުން ވެސް އަޅުގަނޑުމެން މާބޮޑަށް ކަންބޮޑުވެއެވެ.
މިއީ މިގައުމުގެ ހާލަތު މިއަދު އޮތް ގޮތެވެ. މި ދެންނެވި ކަންތައްތައް މިގޮތަށް ހުރިއިރުވެސް އެބޭފުޅުން އުޅުއްވަނީ އިސްލާމް ދީން "މާބޮޑަށް" ކިޔަވައިދެވޭތީ އެކަމާ މޮޅިފުޅުންނެވެ. އިސްލާމްދީން ތައުލީމީ ނިޒާމުން ބޭރުކޮށްލާނޭ ގޮތްތަކަކީ ކޮބައިތޯ ދިރާސާ ކުރެއްވުމުގައެވެ. "ވޯލްޓް ޑިޒްނީ އިންޓަރނޭޝަނަލް އިސްލާމިކް ޕްރައިމަރީ ސްކޫލް" އާއި "ހޭނާ މޮންޓާނާ ހައިސްކޫލް" އާއި "ބްރިޓްނީ ސްޕިއަރސް ކޮލެޖުން" ކިޔަވައިގެން ނިކުންނަ ޒުވާނުން ބަނގުޅީގެ އަވައިގައި ޖެހިފައި ތިބެގެން ޒިނޭގެ ނާޗަރަންގީ މަހެފިލްތަކުގައި ހަފުސްވަނީއެވެ. އެކަމަކުވެސް އެބޭފުޅުން ވިދާޅުވަނީ ގައުމު ތަރައްގީގެ މަގުގައި ދުވާލަކު ހާސް ފިޔަވަޅު އަޅަމުން ކުރިޔަށް ދާ ކަމަށެވެ. އެބޭފުޅުން އެވިދާޅުވާ ތަރައްގީއަކީ އަނެއްކާ ޒިނޭއާއި "ގާރޫނު ވިޔަފާރި" އާއްމުވެ، ޒުވާނުން "އޮރިޔާންވެ"، އިސްލާމްދީން މިގައުމުން ފޮހެވިގެން ދިޔުން ނޫން ބާވައެވެ! ގާރޫނު ވިޔަފާރިއަށް ބަދުބަހެއް ބުނެލާ މީހެއްގެ ކިބައިގައި ހުރި އުނިކަމެއްނަމަ ނިކަން އުޕަރުވެލާފައި އެކަން ފާހަގަކޮށް، އެމީހެއްގެ ފަހަތުން އަވަސްއަވަހަށް ދުއްވައިގަންނަނީ ވެސް އެހެންވެގެން ތޯއްޗެކެވެ. ހުޅަނގަކީ "ކަލެއް" ކަމަށް ގަބޫލުކޮށް، ކޮކްސަކީ "ރަސޫލެއް" ކަމަށް ބަލައިގެންފި ބަޔަކަށް ވާނީ ވެސް މިކަހަލަ ގޮތެއްތާއެވެ!