23 Mar 2017, 21:52
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީން ވާދަކުރާ ފުރަތަމަ ލެގުގެ މެޗުގެ ޓިކެޓް މާދަމާ ހަވީރު ވިއްކަން ފަށާގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިފިއެވެ.
އެފްއޭއެމުން މިއަދު ބުނީ، މިމަހުގެ 28 ވަނަ ދުވަހު ރާއްޖެއާ ފަލަސްތީން ވާދަކުރާ މެޗުގެ ޓިކެޓް ހުކުރު ދުވަހުގެ މެންދުރު ފަހު ވިއްކަން ފަށާއިރު އެ އެސޯސިއޭޝަނުން ކުރީން ބުނެފައިވާ ގޮތަށް، ޓީކެޓާއެކު ހެޔޮ އަގެއްގައި ގައުމީ ޓީމުގެ ޖާޒީ ލިބޭނޭ ކަމަށެވެ.
ގޮނޑިބަރިން ޓިކެޓެއް ޖާޒީއާއެކު 200 ރުފިޔާއަށް ލިބެން ހުންނައިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 100 ރުފިޔާއަށެވެ. ވީއައިޕީން ޓިކެޓެއް ޖާޒީއާއެކު 250 ރުފިޔާއަށް ލިބެން ހުންނައިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 150 ރުފިޔާއަށެވެ.
"ގޮނޑިބަރިން ކޮންމެ ބޭފުޅަކަށް ވިއްކުމަށް ހަމަޖެހިފައި ވަނީ، ގިނަވެގެން 5 ޓިކެޓް. އަދި ޕްރޮމޯޝަންގެ (ޖާޒީއާއެކު) ގޮޑިބަރިން ގިނަވެގެން 3 ޓިކެޓް،" އެފްއޭއެމުން މިއަދު ބުނެފައި ވެއެވެ.
ގޮނޑިބަރިންނާއި ވީއައިޕީގެ ޓިކެޓާއެކު ޑިސްކައުންޓް އަގެއްގައި ޖާޒީ ލިބެން ހުރި ނަމަވެސް، ސިޑިބަރިން ޓިކެޓް ގަންނަ ފަރާތްތަކަށް އެ ޑިސްކައުންޓެއް ނުހިމެނެއެވެ. ސިޑިބަރީގެ ޓިކެޓެއްގެ އަގަކީ 50 ރުފިޔާއެވެ. ވަކިން ޖާޒީއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ޖާޒީ ލިބެން ހުންނާނީ 310 ރުފިޔާއަށެވެ.
މީގެ އިތުރުން، ޕްރޮމޯޝަން ޓިކެޓްގެ ޖާޒީ ސައިޒު ތަކަކީ ލިމިޓެޑް ސައިޒުތަކެއް ކަމުން، ޖާޒީ ދިނުމުގައި އިސްކަންދޭނީ ފުރަތަމަ ގަންނަ ފަރާތްތަކަށް ކަމަށްވެސް ގައުމީ ފުޓްބޯޅަ އިދާރާއިން ބުނެއެވެ.
އެފްއޭއެމުން ބުނީ، ހުކުރު ދުވަހު މެންދުރު ފަހު 16:00 އިން 18:00އަށް ފުރަތަމަ ޓިކެޓް ވިއްކާނީ، އެފްއޭއެމް ހައުސްއިން ކަމަށެވެ. އަދި އޭގެ ފަހުން ހުކުރު ދުވަހުގެ ރޭ 20:00އިން 23:00އަށް ޒުވާނުންގެ މަރުކަޒުން ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވާއިރު، ހޮނިހިރާއި އާދީއްތަ ދުވަހުވެސް ޓިކެޓް ވިއްކާނީ ޒުވާނުންގެ މަރުކަޒުން ކަމަށެވެ. އޭގެ ފަހުން ހޯމަ ދުވަ ޓިކެޓް ވިއްކާނީ ރަސްމީ ދަނޑުން ކަމަށްވެސް އެފްއޭއެމުން ބުނެއެވެ.
ޓިކެޓް ވިއްކާ ތާރީޚާއި ތަނާއި ގަޑިތައް
- 24 މާޗް 2017 ހުކުރު: ހަވީރު 16:00އިން 18:00އަށް،އެފްއޭއެމް ހައުސްއިން ވިއްކާނީސިޑިބަރީގެ ޓިކެޓް.
- 24 މާޗް 2017 ހުކުރު: ހަވީރު 20:00އިން 23:00އަށް، ޒުވާނުންގެ މަރުކަޒުން ވިއްކާނީ ސިޑިބަރީގެ ޓިކެޓް.
- 25 މާޗް 2017 ހޮނިހިރު: ހެނދުނު 9:00 އިން 12:00އަށް، ހަވީރު 16:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 23:00އަށް، ޒުވާނުންގެ މަރުކަޒުން ވިއްކާނީ ސިޑިބަރީގެ ޓިކެޓް.
- 26 މާޗް 2017 އާދީއްތަ: ހެނދުނު 9:00 އިން 12:00އަށް، ހަވީރު 16:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 23:00އަށް، ޒުވާނުންގެ މަރުކަޒުން ވިއްކާނީ ގޮނޑިބަރި އަދި ސިޑިބަރީގެ ޓިކެޓް.
- 26 މާޗް 2017 ހޯމަ: ހެނދުނު 9:00 އިން 12:00އަށް، ހަވީރު 16:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 23:00އަށް، ޒުވާނުންގެ މަރުކަޒުން ވިއްކާނީ ގޮނޑިބަރި އަދި ސިޑިބަރީގެ ޓިކެޓް.