23 Mar 2017, 20:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބު ދާރީވާން 30 މިނިޓް ދޭން މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކޮށްފައި ވަނީ ފެށޭ ހަފްތާގެ ހޯމަ ދުވަހަށެވެ.
މިރޭ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ބަހުސް ފެށުމުގެ ކުރިން މަސީހުއަށް 10 މިނިޓް އަދި ބަހުސްގެ މެދުތެރޭން 10 މިނިޓް އަދި ބަހުސް ނިންމާއިރު 10 މިނިޓް ދޭ ގޮތަށެވެ.
މިރޭ ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުން --- ސަންފޮޓޯ/ ފަޔާޒު މޫސާ
އޭގެ އިތުރުން ބަހުސަށް ޖުމްލަ ދެ ގަޑިއިރުގެ ފުރުސަތެއް ދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެ ދެގަޑިއިރު ބަހާލުމަށް ހަމަޖެހިފައިވަނީ ޕާޓީތަކުގައި މެމްބަރުން ތިބޭ އަދަދަށް ބެލުމަށް ފަހު އެވެ. އެއީ މިހާރުވެސް ބިލުތަކަށް ބަހުސް ކުރާއިރުވެސް މަޖިލީހުގައި އަމަލުކުރާ އުސޫލެވެ.
އެގޮތަށް ވަގުތު ދިނުމަށް ހުށަހެޅީ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އެވެ. އެހުށަހެޅުމަށް ތާއީދުކޮށް ސަރުކާރުގެ މެމްބަރުން ވޯޓު ދީފައިވާއިރު ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް އެމްޑީޕީ ވޯޓު ދީފައެވެ.
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައި އޮތް މައްސަލަ އޮތީ ކާމިޔާބުވެފައި ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. މަޖިލީހަށް މައްސަލަ ވެއްދީ 25 މެމްބަރުންގެ ސޮޔާ އެކު އެވެ.