04 Jul 2011, 09:09
ކޮމިޓީތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ ބައެއް މެންބަރުން ނިޒާމީ މައްސަލަތަކުގައި އަޑުގަދަ ކުރެއްވުމުން މަޖިލީހުގެ ތަޅުން ހޫނު ވުމުގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްސަލަ ގޯސްވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ ބަދަލުވުމުން ކޮމެޓީތަކަށް މެންބަރުން ބެހުމުގެ މައްސަލަ އިތުރަށް ހައްލު ކުރަން ކުރި މަޝްވަރާތަކުން ވެސް އެކަން ހައްލު ނުވުމުގެ ސަބަބުން، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމުން އެކަމަށް ގޮތެއް ނިންމުމަށް މިއަދުގެ ޖަލްސާއަށް އެ ޖެންޑާ ކުރުމުންނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ބުނަމުން ދިޔައީ އެ މައްސަލަ އެ ޖެންޑާކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ ބައެއް މެންބަރުން ނެންގެވި ނިޒާމީ މައްސަލައިގެ ސަބަބުންނެވެ.
ޖަލްސާ ފެށުމާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ރައީސް އަދި ދިއްދޫ ދާއިރާގެ އަހްމަދު ސަމީރު ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ގަވާއިދުގެ ހަ މާއްދާއަކާ ހަވާލާދެއްވައި ވިދާޅުވީ އެމައްސަލަ މަޖިލީހުގެ ތަޅުމަށް ގެނަސްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.
އެގޮތުން ކޮމިޓީތައް ހޮވާނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންގެ މަސްލަހަތުތައް ހިމާޔަތް ކުރާނީ މަޖިލީހުގެ ރައީސް ކަމަށް ގަވާއިދުގައި ބުނެފައިވާތީ އެ މަސްލަހަތުތައް ހިމާޔަތް ކުރުމުގެ ޒިންމާ ރައީސް ނެންގެވުމުގެ ބަދަލުގައި މެންބަރުންގެ ބޮލަށް ނުޖެހޭނެކަމަށް ގާވައިދުގައި ސާބިތުވާން އޮތުމާއި ގަވާއިދުގެ 111 ވަނަ މާއްދާގެ ދަށުން ވެސް މިފަދަ މައްސަލައެއް ހުށަނޭޅޭނޭނެ ކަމަށް ސާފުވާން އޮތުމާއި އެފަދަ މައްސަލައެއް ހުށަހެޅޭނީ މަޖިލިސް އަލަށް އެކުލަވާލުމަށް ފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
"ގަވާއިދުގައި ބުނެފައިނުވާކަމެއް ދިމާވެއްޖެ ނަމަ އަމަލްކުރާނެ ގޮތް ބަޔާން ކުރަނީ ގަވާއިދުގެ 216 ވަނަ މާއްދާގައި. އެގޮތުން ކުރިން މެޖޯރިޓީއޮތް ފަރާތްތަކުން ކޮމިޓީތައް ހިއްސާކުރަމުން ގެންދިޔަ ގޮތަކީ މި މައްސަލައިގައި އަމަލްކޮށްފައި އޮތްގޮތް ކަމަށް ވުމުން މިފަހަރު ވެސް އެ އުސޫލުން އަމަލު ކުރަން ގަވާއިދު މަޖުބޫރުވާނެ"، ސަމީރު ވިދަޅުވި އެވެ.
ސަމީރު ވިދާޅުވީ ކޮމިޓީތަކާ ބެހޭ ގޮތުން ކުރިން އަމަލްކޮށްފައިވާ ގޮތަކީ ގަވާއިދުގެ 216 ވަނަ މާއްދާގެ ދަށުން ގަވާއިދުގެ ބައެއްގެ ގޮތުގައި ހަމަޖެހިފައިވާތީ މިއަދު އެހެން ގޮތަކަށް އަމަލު ނުކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދާ ހިލާފަށް ދާކަމަށް ހުށަހެޅޭ ނިޒާމީ މައްސަލައިގައި މަޖިލީހުގެ ރިޔާސަތުން ގަވާއިދާ ހިލާފް ނޫންކަމަށް ވިދާޅުވެވޭނީ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ކައުންސިލް ޖެނެރަލްގެ ލަފާފުޅު މަޖިލީހުގެ ރައީސަށް ލިބިގެންކަން ފާހަގަ ކުރައްވައި ޖަލްސާހިންގަމުންދަނީ ގަވާއިދާ ހިލާފަށް ކަމަށް ސަމީރު ވިދާޅުވި އެވެ.
ސަމީރުގެ ވާހަކައަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ ސަމީރު ނެންގެވި މައްސަލައަކީ ނިޒާމީ މައްސަލައެއްނޫން ކަމަށެވެ. އަދި އެކަމާ ގުޅިގެން ޖަލްސާގެ ތަޅުން ހޫނުގެ މެންބަރުން "ހަޅޭލަވަން" ފެއްޓެވުމުން، އެ ހާލަތުގައި ޖަލްސާ ކުރިއަށް ނުގެންދެވޭނެތީ އާއި އެޖެންޑާގެ މައްސަލައިގައި ވާހަކަ ދެއްލުމަށް ފުރުސަތު ދެއްވުމަށް ފަހު 11:00 ގައި އަލުން ޖަލްސާ ފެއްޓެވުމަށް ޝާހިދު މަޖިލީހުގެ ޖަލްދާ މެދުކަނޑުއްވާލެއްވި އެވެ.
"އެޖެންޑާގެ މައްސަލަ އިތުރަށް ހައްލު ކުރެވިގެންނޫނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަކަށް ނުފެނޭ. މިކަމުގައި ހައްލު ހޯދައިގެން ކުރިއަށް ގެންދެވޭތޯ މި ބަލަނީ އެހެންކަމުން މިހާރު ޖަލްސާ މެދުކަޑާލަން އިތުރަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް،" 09:06 ގައި ޖަލްސާ މެދުކަނޑާލައްވަމުން ޝާހިދު ވިދާޅުވި އެވެ.