23 Mar 2017, 20:10
މިފަހަރުގެ މުބާރާތަށް އައީ ރަން މެޑައްޔެއް ހޯދަން ކަމަށާއި މިއަދު ހޯދުނު ކާމިޔާބީއަކީ އެ މަސައްކަތުގެ ފެށުން ކަމަށް ތުރުކްމަނިސްތާނުގެ ކޯޗު ސަރްދަރު ޓެކްނަޒަރޯވް ބުނެފިއެވެ.
މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ނޭޕާލްއަތުން ސީދާ ތިން ސެޓުން މޮޅުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ތުރުކްމަނިސްތާނުގެ ކޯޗު ބުނީ އޭނާގެ ޓީމު ރާއްޖެ އައީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ކަމަށާއި މިއަދު ކުޅުނު މެޗަކީ އެ ދަތުރުގެ ފެށުން ކަމަށެވެ.
" ނޭޕާލް ކުޅުންތެރިން ވަރަށް މޮޅު މި މެޗުގައި. އެ ކު ކުޅުންތެރީން ދެއްކި ކުޅުން ފާހަގަކޮށްލަން. އަހަރަމެން މިއައީ މި މުބާރާތް ކާމިޔާބުކުރަން. މި މެޗަކީ އެ މަސައްކަތުގެ ފެށުން،" ކޯޗު ޓެކްނަޒަރޯވް ބުންޏެވެ.

ނޭޕާލް ކޯޗު ޖަގްދީޝް މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަނީ --ސަން ފޮޓޯ/ ފަޔާޒް މޫސާ
ނޭޕާލް ޓީމުގެ ހެޑް ކޯޗު ޖަގްދީޝް މިއަދުގެ މެޗާ ގުޅޭ ގޮތުން ބުނީ ކުޅުންތެރީން ދެއްކި ކުޅުމާ މެދު ހިތް ހަމަޖެހޭ ކަމަށާއި ތުރުކްމަނިސްތާން ޓީމަކީ ނޭޕާލަށް ވުރެ އެތައް ގޮތަކުން މޮޅު ޓީމެއް ކަމަށެވެ. އަދި ތަޖުރިބާގެ ގޮތުންވެސް ނޭޕާލަށް ވުރެ ތުރުކްމަނިސްތާނަކީ ރަނގަޅު ޓީމެއް ކަމަށް އޭނާ ބުންޏެވެ.
"ތުރުކްމަނިސްތާން ޓީމް ވަރަށް މޮޅު އެ ޓީމުގައި އެބަތިބި ތަޖުރިބާކާރު ކުޅުންތެރިން. އަހަރެމެންގެ ކުޅުންތެރީން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ. ކޮންމެ ސެޓެއް ނިމިގެންދިޔައީ މާބޮޑު ފަރަގެއް ނެތި،" ޖަގްދީޝް ބުންޏެވެ.
މި މުބާރާތުގައި ނޭޕާލް ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއެވެ. އެމެޗު އޮންނާނީ މާދާމާ ހަވީރު 16:00ގައެވެ.