ތިން ވަނަ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަދު ނޭޕާލާ ދެކޮޅަށް ކުޅުން މެޗު ކާމިޔާބުކޮށް ތުރުކްމަނިސްތާނުން ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު އެ މެޗު ތުރުކްމަނިސްތާނުން ކާމިޔާބުކުރީ ސީދާ ތިންސެޓުންނެވެ.

ފުރަތަމަ ސެޓު ފަށައިގެން މޮޅަށް ކުޅެމުންދިޔައީވެސް ތުރުކްމަނިސްތާނުންނެވެ. އެޓީމުގެ ޖާޒީ ނަންބަރު 5 އަދި ޖާޒީ ނަންބަރު 10ގެ ފަރާތުން ފޮނުވާލި ހަމަލާތައް ނޭޕާލް ކުޅުންތެރިންނަށް ދިފާއު ނުކުރެވުނުއިރު ސެޓު ފަށައިގެން ތުރުކްމަނިސްތާނުން ވަނީ ރަނގަޅު ލީޑެއް ދަމަހައްޓައިފައެވެ. ނަަމަވެސް ފަހުން ތުރުކްމަނިސްތާނުގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ނޭޕާލު ން ވަނީ ފަރަގު ކުޑަކޮށްފައެވެ. މިސެޓު ތުރުކްމަނިސްތާނުން ކާމިޔާބުކުރީ 20-25 ޕޮއިންޓުންނެވެ.

ދެވަނަ ސެޓުގައިވެސް މޮޅަށް ކުޅެ ރަނގަޅު ލީޑެއް ދެމެހެއްޓީ ތުރުކްމަނިސްތާނެވެ. ނަމަވެސް ސެޓުގެ މެދެއްހާ ހިސާބުން ނޭޕާލުންވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައި ތުރުކްމަނިސްތާން ކުޅުންތެރީން ހާސްކޮށްލައިފައެވެ. މި ސެޓުގައި ނޭޕާލުން ރަނގަޅު ކުޅުމެއްދައްކަމުން ދަނިކޮށް ތުރުކްމަނިސްތާނުން ވަނީ ކުޅުން ރަނގަޅުކޮށް ނޭޕާލް ޓީމަށް އަތުނުވާ ވަރުގެ ލީޑެއް ނަގައި އެޓީމުގެ ކޮށްޅަށް ސެޓު އަނބުރާލައިފައެވެ. މި ސެޓު ނިމިގެންދިޔައީ 18-25 އިންނެވެ.

ތިން ވަނަ ސެޓުގައި ތުރުކްމަނިސްތާން ކުޅުންތެރީން ފެނުނީ ކޮންމެވެސް ވަރަކަށް ވަރުބަލިވެފައި ތިބި މަންޒަރެވެ. އެޓީމުގެ ކުޅުންތެރީންނަށް ހެދުނު ބަައެއް ގޯސްތަކުގެ ފައިދާ ނަގައި ނޭޕާލުން ވަނީ ރަނގަޅު ލީޑެއް ދަމަހައްޓަފައެވެ. ނަމަވެސް ނޭޕާލުން 15 ޕޮއިންޓް ހަމަކުރި ފަހުން 13 ޕޮއިންޓުގައި އޮތް ތުރުކްމަނިސްތާނުން ވަނީ ފަހަތުން އަރައި ސެޓްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި ފަހުން އެޓީމުންވަނީ ފަހަތުން އަރައި 3 ޕޮއިންޓުގެ ފަރަގަކުން ސެޓް ކާމިޔާބުކޮށްފައެވެ. މި ސެޓުގެ ނަތީޖާއަކީ ތުރުކްމަނިސްތާން 25 އަދި ނޭޕާލް 22 އެވެ.

މި ނަތީޖާއާއެކު ތުރުކްމަނިސްތާނަށް ހަމަޖެހުމުގެ ފުރުސަތެއް ލިބުނު އިރު ނޭޕާލް ޓީމަށް ވަނީ އިތުރު ހާސްކަމެއް ކުރިމަތިވެފައެވެ. ސަބަބަކީ، މުބާރާތުގައި ނޭޕާލް ކުޅޭ ދެވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާން ޖެހޭނީ ކިރްގިސްތާނު އަތުން ބަލިވި ނަމަވެސް އެ މެޗުގައި ވަރުގަދަ ފައިޓެއް ދިން ރާއްޖޭ ޓީމާ ދެކޮޅަށެވެ.