ޓްރިޕޮލީ: ލީބިޔާގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީ ވެރިކަމުން ދުރުވެ ވަޑައިގެންފިނަމަ އޭނާއާއި އޭނާގެ ޢާއިލާއަށް އަމާންކަމާއި ރައްކާތެރިކަމާއެކު ލީބިޔާގައި ދިރިއުޅުއްވިދާނެ ކަމަށް ލިބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުން ބުނެފިއެވެ.

ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލިހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލް ވިދާޅުވީ ގައްޒާފީ ލީބިޔާއިން ބޭރަށް ވަޑައިނުގެންނެވި ނަަމަވެސް ވެރިކަން ދޫކޮށްލައްވަން އެއްބަސްވެ ވަޑައިގެންފިނަމަ ގައްޒާފީއާއި އާއިލާ ލީބިޔާގައި ދިރިއުޅުއްވުމަށް އިިދިކޮޅު ފަރާތްތަކުން ދެކޮޅު ނަހަދާނެ ކަމުގައެވެ.

ގައްޒާފީއަށާއި އޭނާގެ ޢައިލާއަށް ލީބިޔާއިން ޙިމާޔަތްދޭ ގޮތަށް ލީބިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނަސް ސުލްޙަވެރިކަމާއެކު މައްސަލަ ހައްލު ކުރުމަށް އިންތިޤާލީ މަޖިލީހުން ތައްޔާރަށް އޮތްކަމަށްވެސް ބެންޣާޒީގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޢަބްދުލްޖަލީލު ވިދާޅުވިއެވެ.

ވެރިކަން ދޫކޮށްލައްވައިފިނަމަ އޭނާއަށާއި އޭނާގެ ޢާއިލާއަށް ލީބިޔާގައި ރައްކާތެރިކަން ދިނުމާބެހޭގޮތުން ގައްޒާފީގެ ސަރުކާރަށް ހުށަހެޅުމެއް ހުށަހަޅާފައިވާނެ ކަމަށާ ނަމަވެސް އެހުށަހެޅުމަށް ގައްޒާފީގެ ސަރުކާރުން ޖަވާބު ދީފައިނުވާ ކަމަށް އަބްދުލްޖަލީލް ހާމަކުރެއްވިއެވެ.

ގައްޒާފީވަނީ އެއްވެސް ޙާލަތެއްގައި ލީބިޔާގެ ވެރިކަން ދޫކޮށްނުލައްވާނެ ކަމަށާ އަދި ލީބިޔާއިން ބޭރަށްވެސް ވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. -- އަލްޖަޒީރާ