ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން، ވަކިކުރުމަށް އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވާ ޖަލްސާގައި ބިރު ދައްކައިގެން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ކުރާ ގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަފުޅު ދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މަސީހުގެ އިތުބާރު ނެތް ކަމުގެ ޖަލްސާ ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް ޓަކައި ބިރު ދެއްކުމަށް ކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

"އަޅުގަނޑަށް ޝައްކުކުރެވޭ ގޮތުގައި އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދާފައި ވަނީ މި ދެންނެވި ޖަލްސާ ވަކި ގޮތަކަށް ގެންދިއުމަށް ޓަކައި ބަކި ބަޔަކު ކުރާ މަސައްކަތެއް ކަމަށް ޝައްކު ކުރުމުގެ ފުރުސަތު އަޅުގަނޑަށް އޮތީމާ އެ ވާހަކަ އަޅުގަނޑު މި ދަންނަވާލަން މި ބޭނުން ވަނީ،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލިސް ކުރާ ގޭ ސަރަހައްދަށް ރާއްޖޭގެ އެންމެ ޖަމާވިޔަސް އަދި މަޖިލިސް ތަޅުމުގައި ހަމަނުޖެހުން ހިންގަން އުޅުނުނަސް "އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ނުކުރެވޭނެ" ކަމަށެވެ.

އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވާ ޖަލްސާ ކުރިއަށް ގެންދާނީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށް މޫސަ ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން މަޖިލީހުގެ ވޯޓުލާ ސިސްޓަމާ ބަޔަކު ކުޅެފާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެފައި ވާތީ، މޫސަ ވިދާޅުވީ އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އޭނާ ނުދެއްވާނެ ކަމަށެވެ.

"މަޖިލީހުގެ އެއްވެސް ސިސްޓަމަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. މިތަނަކީ އެމްއެންޑީއެފުން ބަލަހައްޓަމުން ގެންދާ ތަނެއް. އަޅުގަނޑުމެން މިހާތަނަށް އެއްވެސް ކަމެއް ނުކުރަން،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި އޭނާއަކީ މަޖިލީހުގެ ރައީސް އަންގަވާ ގޮތަކަށް އަމަލު ކުރައްވަން ހުންނަވާ ބޭފުޅެކެވެ. އޭނާ އަށް އަމަލު ކުރެއްވޭނީ ހަވާލު ކުރައްވާ މަސައްކަތް އެކަނި ކަމަށް މޫސަ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވާނެތޯ، ސުވާލު ކުރުމުން މޫސަ ވިދާޅުވީ ވާނެ ގޮތެއް ނޭނގޭ ކަމާށެވެ.

"އެއްވެސް ގޮތަކަށް ނޭނގޭ. ވޯޓު ނަގައި ނިމުނީމާ ނޫންތޯ އިނގޭނީ،" މޫސަ ވިދާޅުވި އެވެ.

ވަކި ބަޔަކު ބޭނުން ގޮތަކަށް ގާނޫނުތަކާ ހިލާފަށް މަޖިލިސް ހިންގަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތާ ގުޅިގެން މޫސަ ވިދާޅުވީ މަޖިލީހުގެ ނިންމުންތަކަކީ މަޖިލީހުގެ މެޖޯރިޓީއާ އެއްގޮތަށް ނިންމާ ކަންތައްތައް ކަމަށެވެ.

"ކިތަންމެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވެސް އެ ބަޔަކު ބޭނުންވާ ކަމެއް މިހާތަނަށް އޮތީ ކޮށްފައި،" މޫސަ ވިދާޅުވި އެވެ.