23 Mar 2017, 14:39
އިންފުލުއެންޒާ އެޗް1އެން1 ރޯގާއާ ގުޅިގެން ސްކޫލުތައް ބަންދު ކުރުމަށް ފަހު ފެށޭ ހަފްތާގައި ސްކޫލުތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ސުކޫލުތައް ބަންދުކޮށްފައިވަނީ ހަލުވިކަމާއެކު އިންފުލުއެންޒާ ރޯގާ ފެތުރެމުންދާތީ ރޯގާ ކޮންޓްރޯލް ކުރުމަށް ސުކޫލުތައް ބަންދު ކުރުން މުހިންމު ކަމަށް ބުނެ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ލަފާދިނުމުންނެވެ.
އެޑިއެކޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާދިއްތަ ދުވަހުން ފެށިގެން ސްކޫލުތައް ކުރިއެކޭ ވެސް އެއްގޮތަށް ހުޅުވޭނެ ކަމަށެވެ. އަދި ބުނެފައިވަނީ އެނިންމުން ނިންމީ ވޭތުވެ ދިޔަ 10 ދުވަހުގެ ތެރޭގައި ރޯގާ ފެތުރެމުން ދިޔަވަރާއި އިޖުތިމާއީ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ.
އެހެނަމަވެސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ދަރިފުޅު ސުކޫލަށް ނުފޮނުވުމަށް އެޑިއުކޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
" އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ ރޯގާގެ އެއްވެސް އަލާމާތެއް ކުއްޖެއްގެ ކިބައިން ފެންނަ ނަމަ އެކުއްޖަކު ސުކޫލަށް ނުފޮނުވާ، ވީހާވެސް އަވަހަށް ސިއްހީ ފަރުވާ ހޯދުމަށް މިފުރުސަތުގައި އިލްތިމާސް ކުރަން" އެޑިއުކޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރޯގާ އާ ގުޅިގެން ސުކޫލުތައް ބަންދު ކުރުމުން ކިޔަވާ ކުދިންނަށް ގެއްލުނީ ތިން ދުވަހެވެ. އޭގެ ފަހުން ވޭތުވެ ދިޔަ ހަފްތާއަކީ ސުކޫލު ތަކުގެ މިޑްޓާމް ޗުއްޓީ އެވެ.
އެޑިއުކޭޝަނުން ބުނީ ކުދިންނަށް ގެއްލުނު ދުވަސްތަކުގެ ފިލާވަޅުތައް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަަމަށެވެ.