23 Mar 2017, 14:43
ލަންޑަން (މާޗް 23) : ލަންޑަންގެ ވެސްޓްމިންސްޓަރ ސަރަހައްދަށް އިއްޔެ ދިން ހަމަލާތަކާ ގުޅިގެން ތަހްގީގަށް ޓަކައި ހަތްމީހުން ހައްޔަރުކޮށްފި އެވެ.
އިނގިރޭސި ފުލުހުންގެ އިދާރާ ސްކޮޓްލެންޑް ޔާޑްގެ ކައުންޓާ ޓެރަރިޒަމާ ބެހޭ ޔުނިޓްގެ ކޮމާންޑަރު މާކް ރޮވްލޭ ވިދާޅުވީ މިހަމަލާތައް ތަންފީޒުކުރީ އެންމެ ފަރުދެއްކަމަށާ ނަމަވެސް މިކަމުގެ އަޑީގައި އިތުރު ބަޔަކު ނޫނީ ޖަމާއަތެއް ވެދާނެކަމުގަ އެވެ.
އިއްޔެ މެންދުރު ފަހު އިނގިރޭސި ޕާލަމެންޓް އިމާރާތުގެ ބޭރުގައި މިހަމަލާ ތަންފީޒުކޮށްފައި ވަނީ ވެސްޓްމިންސްޓަރބްރިޖްގެ ކައިރިން ދުއްވާފައިދިޔަ ކާރެއް، މަގުމަތީގައި ތިބި މީހުންގެ ގައިގައި ޖައްސައި އެކްޑިޑެންޓް ކުރުވައިގެންނާއި އިނގިރޭސި ޕާލަމެންޓް އިމާރާތުގެ ގޭޓްގައި ޖައްސައި އެކްސިޑެންޓް ކޮށްގެންނެވެ. ހަމަލާދިން މީހާވަނީ ކާރުން ފޭބުމަށްފަހު އިނގިރޭސި ޕާލަމެންޓް އިމާރާތުގެ އެތެރެއަށް ވެސް ވަދެ މީހަކަށް ވަޅިން ހަމަލާދީފަ އެވެ.
ހަމަލާދިން މީހާގެ ހަމަލާތަކުގައި ތިން މީހުން މަރުވެ، 29 މީހުން ޒަޚަމްވެފައިވެ އެވެ. މަރުވީ 48 އަހަރުގެ ފުލުހަކާއި 40 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ފިރިހެނެކެވެ. މީގެ އިތުރުން އިނގިރޭސި ފުލުހުން، ހަމަލާދިން މީހާގެ ގަޔަށް ބަޑިޖަހައި މަރާލުމުން މިހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ ހަތަރަކަށް އަރައިފަ އެވެ. ރޮވްލޭ ވިދާޅުވި ގޮތުގައި މިޙާދިސާގެ ތަހްގީގަށް މީހުން ހައްޔަރުކުރީ އިނގިރޭސިވިލާތުގެ އުތުރުގެ ސިޓީއެއްކަމަށްވާ ބާމިންގްހަމް އިންނެވެ.
މިޙަމަލާއަށް ފަހު އިނގިރޭސި ފުލުހުން ގެންދަނީ ޝައްކު ކުރެވޭތަންތަން ބަލައި ފާސްކުރަމުންނެވެ. މިގޮތުން ބާމިންގްހަމްގެ ބައެއް ގެތަކަށް ފުލުހުންވަދެ ބަލައި ފާސްކޮށްފައިވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ވެސްޓްމިނިސްޓަރު ސަރަހައްދަށް ހަމަލާދިނުމަށް ބޭނުންކުރި ކާރު ކުއްޔަށް ހިފާފައިވަނީ ބާމިންގްހަމް އިންނެވެ. ވެސްޓްމިންސްޓަރ ސަރަހައްދަށް ޙަމަލާދިން މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކުރުމަށް ސްކޮޓްލެންޑް ޔާޑް އިން ވަނީ ފަސްޖެހިފަ އެވެ. އެހެންކަމުން މިއީ ކޮންގައުމަކަށް ނިސްބަތްވާ މީހަކުދިން ހަމަލާއެއްކަން ސާފުވެފައެއް ނުވެ އެވެ. އަދި މިއީ އައިއެސް ފަދަ ޖަމާއަތަކުން ހިންގި އަމަލެއްކަން ވެސް ސާފުވެފައެއް ނުވެ އެވެ. ނަމަވެސް ހަމަލާދިން މީހާއަކީ ބައިނަލްއަގްވާމީ ޓެރަރިޒަމްގެ ފިކުރުގެ އަސަރުގައި ޖެހިފައިވާ މީހެއްކަމަށް ބެލެވޭ ކަމަށް ސްކޮޓްލެންޑް ޔާޑް އިން ވަނީ ބުނެފަ އެވެ.
ލަންޑަންގެ ސިޔާސީ ސަރަހައްދު ކަމަށްވާ ވެސްޓްމިންސްޓަރ ސަރަހައްދަކީ އިނގިރޭސިވިލާތުގައި ގްރީން ޒޯން ކަމަށް ބަލާ ސަރަހައްދެކެވެ. ކޮންމެ މީހެއްގެ ވެސް ހަތަރު ފަރާތުން ބެލޭގޮތަށް އެސަރަހައްދުގައި ސަލާމަތާބެހޭ ކެމެރާތައް ހަރުކޮށްފައިވެ އެވެ. ތަހްގީގްތަކަށް މި ކެމެރާތަކުގެ ފުޓޭޖްތައް ބަލައި ތަހްލީލް ކުރަމުން ގެންދާކަމަށް ސްކޮޓްލެންޑް ޔާޑް އިން ބުނެ އެވެ. (ބީބީސީ)