23 Mar 2017, 14:44
ގައުމީ ޓީމަށް ލޫކަސް ޕޮޑޯލްސްކީ ކުޅުނު ފަހު މެޗުގައި ލަނޑެއްޖަހައި އިނގިރޭސިން އަތުން ޖަރުމަން މޮޅުކޮށްދީފިއެވެ.
ޖަރުމަން ގައުމީ ޓީމުގައި 2004 ވަނަ އަހަރުން ފެށިގެން މުހިންމު ދައުރެއް އަދާކުރަމުންދިޔަ ޕޮޑޯލްސްކީ ވަނީ ރޭގެ މެޗަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ. ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި އިނގިރޭސިންގެ މައްޗަށް ޖަރުމަން ކުރި ހޯދާފައިވަނީ 1-0 ލަނޑުންނެވެ.

ގައުމީ ޓީމުން ޕޮޑޯލްސްކީ ރިޓަޔާކުރި މެޗުގައި ލަނޑުޖެހުމަށްފަހު އޭނާ އުފާފާޅުކުރަނީ: އިނގިރޭސި ޓީމު އަތުން ޖަރުމަން މޮޅުވީ ޕޮޑޯލްސްކީގެ ލަނޑުން --- ފޮޓޯ/ އޭޕީ
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ރަށުން ބޭރުގައި ކުޅެމުންދިޔަ އިނގިރޭސި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ އަށްވަނަ މިނެޓުގައި ރަޔަން ބާޓްރެންޑް ނަގައިދިން ކޯނަރަކުން އިނގިރޭސި ޑިފެންޑަރު މައިކަލް ކީންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަންގެ ޕޮޑޯލްސްކީގެ ނުރައްކާ ފާހަގަކޮށްލެވުނުއިރު، އިނގިރޭސި ޓީމަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އިނގިރޭސި ޓީމުގެ އެޑަމް ލަލާނާ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ޑެލޭ އަލީ ފޮނުވާލި ހަމަލާ ޖަރުމަންގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަން ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ގައުމީ ޓީމުން ޕޮޑޯލްސްކީ ރިޓަޔާކުރި މެޗަށްފަހު: އިނގިރޭސި ޓީމު އަތުން ޖަރުމަން މޮޅުވީ އޭނާގެ ލަނޑުން --- ފޮޓޯ/ އޭޕީ
ދެވަނަ ހާފުގެ ކުރީކޮޅުގައި ވެސް އިނގިރޭސި ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އިނގިރޭސި ފޯވަޑް ހެރީ ކޭންއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައިރު، ލަލާނާ ފޮނުވާލި ހަމަލާ ޖަރުމަން ކީޕަރު ޓާ ސްޓެގަން ވަނީ މަތަކޮށްފައެވެ.
ޖަރުމަން ޓީމަށް ޕޮޑޯލްސްކީ ލީޑު ހޯދައިދިނީ މެޗުގެ 69 ވަނަ މިނެޓުގައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އަންދްރޭ ޝޫލޭ ދިން ބޯޅައަކުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ޕޮޑޯލްސްކީ ފޮނުވާލި އެ ހަމަލާ އަމާޒުވީ އިނގިރޭސި ގޯލުގެ މަތީ ކަނަށެވެ.