04 Jul 2011, 01:03
12:40
ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އައި ޏ. ފުވައްމުލަކުގެ ހަތަރު އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފުރުވާލަން ތައްޔާރުވެފައިވާ ވަނިކޮށް މިރޭ 12:29 ގައި އޭނާ މަރުވެއްޖެ އެވެ.
މިއީ ޑެންގީ ހުން ޖެހިގެން މިދިޔަ ހަފްތާގައި 48 ގަޑިއިރުގެ ތެރޭގައި ހަތަރު ކުއްޖަކު މަރުވުމަށް ފަހު ޑެންގީގައި މަރުވި ފަސް ވަނަ ކުއްޖާ އެވެ.
އައިޖީއެމްއެޗާއި ހަވާލާދީ ޓާސްކް ފޯހުގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ މިދިޔަ މަހުގެ 28 ގައި އެޑްމިޓްކޮށް ފަރުވާން ދޭން ފެށި ފުވައްމުލަކު ހޯދަނޑު ދިގުދަނޑިގޭ، ހުސެއިން ޒާދު އިސްމާއިލްގެ މަރުވީ އޭނާ ބޭރަށް ގެންދެވޭ ހާލަތަކަށް އައިހާ އަވަހަކަށް ފުރުވާލުމަށް ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ.
މަރުވި ފުވައްމުލަކު ކުއްޖާ ޑެންގީ ޖެހިގެން ފުރަތަމަ ދައްކާފައިވަނީ ފުވައްމުލަކު ހޮސްޕިޓަލަށެވެ. އެ ކުއްޖާ މާލެ ގެނެސްފައިވަނީ ފުވައްމުލަކުން އައްޑޫ ހޮސްޕިޓަލަށް ދެއްކުމަށް ފަހު އެވެ.
ޑެންގީ ހުމުގައި ޝިފާ ނުލިބި ޒާދު މަރުވިއިރު ޑެންގީ އާއި އެހެނިހެން ބަލިތަކުގައި އައިޖީއެމްއެޗްގައި އެޑްމިޓް ކުރަންޖެހޭ މީހުން ގިނަވެ ޖާގަ އިތުރުކޮށްފައި ވަނިކޮށް ދެވަނަ ފަހަރަށް ވެސް ޖާގަ އިތުރު ކުރުމަށް އައިޖީއެމްއެޗުން ޓާސްކްފޯހުގެ ސްޓިއަރިން ކޮމެޓީއަށް ވަނީ ލަފާ ދީފަ އެވެ.
ޓާސްކްފޯހުގެ އޮފިޝަލު ވިދާޅުވީ އެ ލަފަޔާ އެއް ގޮތަށް ހޮސްޕިޓަލުގެ ޖާގަ އިތުރު ކުރުމަށް ނިންމައި އިތުރުވާ މީހުންނަށް ފަރުވާ ދިނުމަށް ކުރިން ނަރުސްކަންކޮށް ރިޓަޔާކޮށްފައިވާ ފަރާތްތަކާއި ހެލްތު ވޯކަރުން ހިލޭސާބަހަށް ހިދުމަތަށް ނުކުތުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދޭ ފަރާތްތައް ނަންނޯޓް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަދި އެނދު އިތުރު ކުރުމުގެ މަސައްކަތް ފަށާފައިވާތީ މާދަމާ ފިޒިއޯތެރަޕީ ހެއްދުމަށް އެޕޮއިންޓްމަންޓް ހައްދާފައިވާ ހުރިހާ ފަރާތްތަކެއްގެ އެޕޮއިންޓްމަންޓްވެސް ވަނީ ކެންސަލް ކޮށްފައި، އެއީ ހަމައެކަނި މާދަމާއަށް، އެއީ މިރޭ އެ މަސައްކަތް ފަށާފައިވާތީ،" އޮފިޝަލު ވިދާޅުވި އެވެ.
ޑެންގީ ކޮންޓްރޯލް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޓާސްކް ފޯހުން ގެންދަނީ މާލެ އާއި އަތޮޅު ތެރޭގައި މަދިރު ކޮންޓްރޯލް ކުރުމަށް ފޮގް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މަދިރި ކޮންޓްރޯލް ކުރުމާއި ޑެންގީއާ ބެހޭ މައުލޫމާތުތައް ވެސް އެފަރާތުން ދަނީ އާއްމު ފަރާތްތަކަށް ފޯރުކޮށްދެމުންނެވެ.