14:30


ގުއަންޓަނަމޯބޭ ޖަލުގައި ތިބި މީހުން ގެނައުމަށް ދިވެހި ސަރުކާރުން ނިންމާފައި ވަނީ، ހަމައެކަނި ސިޔާސީ ވިސްނުމެއްގައި، ދެން ތިބި މީހުންނަކީ މޮޔައިން ކަމަށް ބަލައިގެން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އަމިއްލަފުޅު ބްލޮގްގައި ނަޝީދު ވިދާޅުވެފައި ވަނީ، ސަރުކާރުން އެކަންކުރަނީ، އެ ކަމުން ކޮންމެވެސް ފައިދާއެއް ލިބޭނެކަމުގެ އުންމީދުގައި، ކަމަށާއި، އެހީއެއްގެ ގޮތުން ނުވަތަ ލޯނެއްގެ ގޮތުން ކޮންމެވެސް ޢަދަދެއްގެ ޑޮލަރުކޮޅެއް، ނުވަތަ، އެމެރިކާގެ ރައީސާ ވައިޓްހައުސްގައި ބައްދަލުކޮށްލުމުގެ ފުރުޞަތެއް ނުވަތަ، ބައިނަލްއަޤްވާމީ އިނާމެއް ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.


އެކަމަކު، މިއިން، އެއްވެސް ކަމަކީ، މި ބިރުވެރިކަން ރާއްޖެއަށް ގެނައުމަށްފަހު، ކުރާވަރުގެ ކަމެއް ނޫން ކަމަށާއި، އިންސާނީ ހައްޤަށް ލޯބިކުރައްވާ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުނަމަ، އިންސާނީ ހައްޤުތަކުގެ ކޮމިޝަނުން ސަރުކާރުގައި ދަންނަވާފައިވާ އެންމެ ކަމެއް ނަމަވެސް ކޮށްލަދެއްވުން، ޤައުމަށް މާ ރަނގަޅުވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.


މި މައްސަލައިގެ ސިޔާސީ ސަބަބަށް ބައްލަވާލައްވައި، މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ، އިންސާނީ ހައްޤުތަކުގެ ދުވަހާ ދިމާކުރައްވައި ޑިސެމްބަރު މަހުގެ އެގާރަ ވަނަ ދުވަހު ދެއްކެވި ވާހަކަފުޅުގައި، އެމެރިކާ ސަރުކާރުން ގުއަންޓަނަމޯބޭ ހިންގާ މައްސަލަ ކުށްވެރިކުރައްވައި، އެތަން ބަންދުކުރަން ގޮވާލައްވައި، އޮބާމާގެ ރިޔާސީ ވަޢުދު ނުފުއްދަވައިގެން ކަންބޮޑުވުން ފާޅުކުރައްވައި، އެ ވަޢުދު ފުއްދުމުގައި އެހީވުމަށް ރާއްޖެ ތައްޔާރަށް އޮތްކަމުގެ ސިގްނަލް ދެއްވާފައި ވަނީ، އެ ޖަލުން ޗައިނާ މީހުންތަކެއް ރާއްޖެ ގެންނައުމަށް ފަރުދާގެ ފުރަގަހުގައި، މަސައްކަތްތަކެއް ކުރެވެމުންދާތީ، އެކަން، ރައްޔިތުންނަށް ތިލަކުރާނެ މޮޅު ގޮތެއް ހޯއްދަވައި، އެކަމަށް ރައްޔިތުން ތައްޔާރު ކުރެއްވުމަށް ކަމަށެވެ. އަދި ރާއްޖެއަށްވުރެ މާ ކެރިކުޅަދާނަކަން ލިބިގެންވާ މާ ބޮޑެތި ޤައުމުތަކުން، ވައިއެޅެން ބޭނުންނުވެގެން އުޅޭކަމެއްގެ ތެރެއަށް ދިވެހިރާއްޖެ މި ފުންމާލީ، ހަމައެކަނި ޖަލު ބަންދުކުރަން އެހީވެދީ، އޮބާމާގެ ރިޔާސީ ވަޢުދު ފުއްދައިދިނުމަށް ނޫން ކަމަށާއި، އެ ޖަލުގައި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލު ހިންގާތީ ނޫން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި މިކަމުގެ މަންޒަރު ވަރަށް ސާފު ކަމަށާއި، އެމެރިކާގެ ސަރުކާރުން ގުއަންޓަނަމޯބޭ ބަންދުކުރަން ބޭނުން ނަމަވެސް އެ ތަނުގައި ތިބި މީހުން އެމެރިކާގެ ތެރެއަށް ވައްދަން ބޭނުންނުވާ ކަމަށާއި، އެތާ ތިބި މީހުން އެމީހުންގެ ޤައުމުތަކަށް ފޮނުވާނަމަ، އެމެރިކާ ބޭނުންވާ ފަދަ ގޮތަކަށް އެމީހުންނާމެދު ކަންކުރެވެން ނެތް ކަމަށާއި، އެމީހުން އެމީހުންގެ ޤައުމާ ޙަވާލުކުރުމުން، އެމެރިކާގެ ބާރު އެމީހުންގެ މަތިން ކެނޑޭނެތީ އެމެރިކާ ބޭނުން ގޮތަކަށް ހަދައިދޭނެ، އެމެރިކާ ބޭނުން ގޮތަކަށް އެމީހުން ބައިތިއްބައިދޭނެ ތިން ވަނަ ޤައުމެއް ބޭނުންވާ ކަމަށާއި، އެކަމާ އެއްބަސްވި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނި އެކަމާ ހަވާލުވީ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.


މިކަމާ ގުޅިގެން އުފެދޭ ގާނޫނީ ސުވާލުތައް ފާހަގަކުރައްވައި، ކުރީގެ ލީގަލްރިފޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ، މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، ރާއްޖެ އަންނަ ބިދޭސީއެއްގެ އަތުގައި، އޭނާ ނިސްބަތްވާ ޤައުމުގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ސައްހަ ޕާސްޕޯޓެއް އޮންނަންޖެހޭ ކަމަށާއި، ޕާސްޕޯޓު ނެތްނަމަ، އެފަދަ ރަސްމީ ލިޔުމެއް އޮންނަންޖެހޭ ކަމަށް އިމިގްރޭޝަން ޤާނޫނުގައި ބުނާ ކަމަށެވެ. އަދި ގުއަންޓަނަމޯބޭ އިން ގެންނަ މީހުން އަތުގައި އެފަދަ ލިޔުމެއް އޮވެދާނެކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި އިމިގްރޭޝަން ޤާނޫނު ބުނާގޮތުން ބިދޭސީއަކަށް ރާއްޖެއަށް އެތެރެވެވެނީ ވިސާގެ ބާވަތްތަކުގެ ތެރެއިން ވިސާއެއް ހޯދައިގެން ކަމަށާއި އޭގެތެރެއިން މިފަދަ ބަޔަކަށް ދޫކުރާނީ ހާއްސަ ވިސާއެއް ކަމަށް ބެލެވޭއިރު ވިސާއެއް ދޫކުރެވޭނީވެސް، ރާއްޖެ އައުމުގެ ހުއްދަ އޮތް ބާވަތުގެ މީހުންގެ ތެރެއިން މީހަކު ރާއްޖެ އަންނަ ނަމަ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ އައުމުގެ ހުއްދަ ނެތްކަމަށް، ޤާނޫނު ބުނާ މީހުންގެ ތެރޭގައި ހިމެނޭ ތަފާތު ބާވަތުގެ މީހުންގެ ތެރޭގައި، ޓެރަރިސްޓް ޖަމާޢަތަކަށް ނިސްބަތްވާ މީހުންނާއި، އެފަދަ ޖަމާޢަތަކާ ގުޅުންހުރި ކަމަށް “ބެލެވޭ” މީހުންނާއި، ޤައުމުގެ ރައްކާތެރިކަމަށާއި ސަލާމަތަށް އުނިކަމެއް ފޯރުކޮށްފާނެ ކަމަށް “ބެލެވޭ” މީހުން ހިމެނޭ ކަމަށާއި، ރާއްޖެ ބައިވެރިވާ މުޢާހަދާއެއްގެ ދަށުން މިކަން ކުރާނަމަ، މުޢާހަދާއަކަށް ދައުލަތުން ޢަމަލުކުރެވެނީ، ކަމާ ގުޅޭގޮތުން ޤާނޫނެއް ފާސްކޮށްގެން ކަމަށް ގާނޫނުއަސާސީ ބުނާއިރު އެކަހަލަ ޤާނޫނެއް އަދި ފާސްކޮށްފައިނެތް ކަމަށް ވެސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެ އެވެ.


ގުއަންޓަނަމޯބޭ ޖަލުގައި ތިބި މީހުންގެ ތެރެއިން ބަޔަކު ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރާއި، އެމެރިކާ ސަރުކާރާއެކު އެއްބަސްވެ، އެކަމާބެހޭ ގާނޫނީ އޮނިގަޑެއް އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރު ކުރައްވަމުން ގެންދަވާ ކަމަށްބުނެ އެކަމާ ނުރުހުން ފާޅުކޮށް އެމައްސަލަ ބަލައިދިނުމަށް އެދި އިދިކޮޅު ޑީއާރުޕީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.


މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީން ބަލައިދީ، ޒިންމާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ހުށަހަޅުއްވާފައިވަނީ އެ ކޮމިޓީގެ މުގައްރިރުގެ ނާއިބު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީވަހީދު އެވެ.