23 Mar 2017, 10:13
ވޮޝިންޓަން (މާޗް 23): އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި އިއްޔެ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއާ ލަންޑަނުގެ މޭޔަރު ސާދިގު ޚާނަށް ފާޑު ވިދާޅުވެއްޖެ އެވެ.
އިއްޔެ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް ކައިރީގައި އޮންނަ ވެސްޓްމިނިސްޓާ ބުރިޖު މަތިން ކާރަކުން ދިޔަ މީހަކު ވަނީ ގިނަ ބަޔެއްގެ ގައިގައި ކާރުން ޖެއްސުމަށް ފަހު މަޖިލިސް ތެރެއަށް ވަންނަން މަސައްކަތްކޮށްފަ އެވެ. އެ ހާދިސާގައި ހަމަލާ ދިން މީހާގެ އިތުރުން ހަތަރު މީހަކު މަރުވެ، 40 މީހަކަށް އަނިޔާވި އެވެ.
އެ ހަމަލާ ދިންތާ ދެ ގަޑި އިރު ފަހުން ޓްރަމްޕް ޖޫނިއާ ވަނީ ސާދިގު ޙާން ވިދާޅުވި ބަސްފުޅަކާ ބެހޭ ގޮތުން ދި އިންޑިޕެންޑެންޓުގައި ލިޔެފައިވާ ހަބަރެއް ޓުވީޓު ކުރައްވާފަ އެވެ. އެހަބަރުގައި "ސާދިގު ޙާން ވަނީ ޓެރަރިސްޓު ހަމަލާތަކަކީ ބޮޑެތި ސިޓީތަކުގައި ދިރިއުޅުމުގެ އެއް ބައި ކަމަށް ވިދާޅުވެފައި" ކަމަށް ޓްރަމްޕް ޖޫނިއާ ވިދާޅުވި އެވެ.
ނަމަވެސް އެހަބަރު އެފަދައިން ޓުވީޓު ކުރެއްވުމާ ގުޅިގެން ޓްރަމްޕް ޖޫނިއާއަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އެއީ މީގެ ހަ މަސް ކުރީގެ ހަބަރެއް ކަމާއި، ޓްރަމްޕް ޖޫނިއާ އެހަބަރު އެއްކޮށް ކިޔުއްވި ކަމާ މެދު ސުވާލު އުފައްދާފަ އެވެ.
އެގޮތުން ސާދިގު ޙާން އެފަދައިން ވިދާޅުވީ ޓެރަރިސްޓު ހަމަލާތަކަށް ސަމާލުވެ ތިބުމަށް ގޮވާލެއްވުމުގެ ގޮތުން ކަމަށާއި ޓްރަމްޕް ޖޫނިއާ މަސައްކަތް ކުރެއްވީ މޭޔަރުގެ ބަސް އޮޅުވާލަން ކަމަށް ބުނެފަ އެވެ. މީގެ އިތުރުން އިނގިރޭސި މަޖިލިސް މެމްބަރެއް ކަމަށްވާ ވެސް ސްޓްރީޓިން ވިދާޅުވި ގޮތުގައި ޓްރަމްޕް ޖޫނިއާ މަސައްކަތް ކުރެއްވީ އަމިއްލަ ފައިދާއަށް ހިތާމަވެރި ހާދިސާއެއް ބޭނުން ކުރެއްވުމަށެވެ.
ލަންޑަނުގެ ފުރަތަމަ މުސްލިމް މޭޔަރު ކަމަށްވާ ޚާން ވަނީ މުސްލިމު ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ދިޔުން މަނާ ކުރަން ރައީސް ޓްރަމްޕް ކުރެއްވި އަމުރަށް ފާޑު ވިދާޅުވެފަ އެވެ. އަދި އިސްލާމް ދީނާ ބެހޭ ގޮތުން ރައީސް ޓްރަމްގެ ހޭލުންތެރިކަން ވަރަށް ކުޑަ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)