23 Mar 2017, 11:53
ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ކުއްޔަށް ދޫކޮށްފައިވާ ތ. އެލާ އަނބުރާ ސަރުކާރަށް ނެގި މައްސަލަ އިސްތިއުނާފު ކުރަން ވިލާއިން ނިންމައިފި އެވެ.
ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކުރުމުން އެ މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ.
ވިލާ ޝިޕިންއަށް ކުއްޔަށް ދޫކޮށްފައިވާ ތ. އެލާގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާތީ، އިއްޔެ މެންދުރުގެ ވަގުތެއްގައި އެކުންފުނީގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފަ އެވެ. އަދި ދައުލަތަށް 18 މިލިއަން ޑޮލަރު ދެއްކުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އެ ކުންފުންޏަށް އަންގައިފަ އެވެ.
ްތ. އެލާގެ އެއްބަސްވުން ބާތިލްކުރި މައްސަލަ ވިލާ ޝިޕިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ ކޯޓުން ކުރި ހުކުމްގައި ކަނޑައަޅާފައި ވަނީ އެތަން އަނބުރާ ސަރުކާރުން ނެގީ އެއްބަސްވުމާ ޚިލާފު ބާތިލް ނިންމުމަކުން ކަމަށެވެ.
ނަމަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ސިވިލް ކޯޓުން ކުރި ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށް ނިންމައިފަ އެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެމެންޑެޑް އެންޑް ރީ ސްޓޭޓަޑް ލީޒް އެގްރީމެންޓް ބާތިލްކޮށްފައި ވަނީ އެ އެއްބަސްވުމުގެ މާއްދާ އަކާ ހިލާފުވެގެން ނޫން ކަމަށާއި، އެއްބަސްވުން ބާތިލު ކުރީ އޭގެ މަގުސަދާ ޚިލާފުވުމުން ކަމަށެވެ.