03 Jul 2011, 22:57
ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ޑެންގީ ހުމުގެ ނުރައްކާ އައްޑޫ ސިޓީއަށް ވެސް ކުރިމަތިވެ ގިނަ ބަޔަކު އެބަލީގެ ޝިކާރައަކަށްވަމުންދާތީ، ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ޓާސްކް ފޯސް އެއް އެކުލަވާލައި، ހަފްތާއެއް ވަންދެން މަސައްކަތް ކުރިއަށްގެންދަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެޓާސްކް ފޯސްގެ އިސްވެރިޔަކަށް ހުންނެވި މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް މިރޭ ވިދާޅުވީ، އެ ޓާސްކް ފޯސްގައި ހިމެނެނީ ސިޓީ ކައުންސިލާއި ޕޮލިހާއި ސިފައިންނާއި ސަދަން ޔުޓިލިޓީސް އާއި ސަދަން ހެލްތު ސާވިސަސް ކޯޕަރޭޝަނާއި އައްޑޫގެ ގައުމީ އިދާރާގައި ހުންނަ އެޑިއުކޭޝަން އަދި ޕަބްލިކް ހެލްތު ޑެސްކު ކަމަށެވެ.
ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް ޓާސްކް ފޯސްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. އަވަށު ބޯޑުތަކުގެ މަސައްކަތް ކުރިއަށްދަނީ 8:00 އިން 10:00 އަށެވެ.
އައްޑޫގެ ޑެންގޫ ކޮންޓްރޯލް ޓާސްކް ފޯސްގެ ހޮޓް ލައިން ނަންބަރެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެ ނަންބަރަކީ 6886655 އެވެ. އަދި މައުލޫމާތު ހިއްސާކުރުމަށް 6885002 އަށް ގުޅުމަށް ސިޓީ ކައުންސިލުން އެދިފައިވެ އެވެ.
ތޮއްޔިބް ވިދާޅުވީ، ޓާސްކް ފޯސްގެ އަމަލީ މަސައްކަތް މިއަދު ހަވީރު ފަށާފައިވާ ކަމަށެވެ. އެގޮތުން ސްކޫލް ނިންމި ބައެއް ދަރުވަރުންނާއި ކެޑޭޓުންގެ އެހީތެރިކަމާއެކު ބައެއް ރަށްރަށުގައި ޑެންގޫ ހުމާ ބެހޭ މައުލޫމާތު ދިނުމާއި، އަދި މައުލޫމާތު ހޯދުމުގެ ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ. އެ މަސައްކަތް މި ހަފްތާ ނިމެންދެން ދިގުދެމިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި އައްޑޫ ސިޓީގެ ހުރިހާ ރަށެއް ފޮގް ކުރުމުގެ މަސައްކަތްވެސް ހަލުއި ކަމާއެކު ކުރިއަށްދާ ކަމުގައި އޭނާ ވިދާޅުވި އެވެ. މިހާތަނަށް ހިތަދޫ އެއްކޮށް ފޮގް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މާދަމާއި ހުޅުދޫ އާއި މީދޫ ފޮގްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިހަފްތާ ބަންދުގައި މުޅި އައްޑޫ ސާފު ކުރުމުގެ މަސައްކަތް ކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. ތޮއްޔިބު ވިދާޅުވީ، އެ މަސައްކަތުގައި ހުރިހާ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އަދި އާއްމު ރައްޔިތުންގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ. އަދި އެދުވަހު އެކިތަންތަނުން ނަގައި ކުނި އުކާލެވޭނެ ނިޒާމެއް ހަމަޖައްސަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި ފާއިތުވި ދެމަހުގެ ތެރޭ 14 މީހަކަށް ޑެންގީ ހުން ޖެހިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ވައިރަލް ހުން ޖެހިގެން 80 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދީފައިވެ އެވެ.