ތިން މަސް ދުވަސް ތެރޭގައި ބައިނަލްއަގްވާމީ ދެ މުބާރާތެއް އިންތިޒާމްކޮށް ކުރިއަށް ގެންދިޔުމަކީ އާދައިގެ ކަމެއް ނޫންކަމަށާއި ރާއްޖޭގެ ވޮލީ ބޯޅަ އެސޯސިއޭޝަނުން މިހާ ފުރިހަމަ އިންތިޒާމްތަކަކާ އެކު މިކަން ކުރިއަށް ގެންދާތީ އެކަމާ ހައިރާންވާކަމަށް ކިރްގިސްތާން ވޮލީ ބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަދި ކިރްގިސްތާން ޓީމުގެ އެސިސްޓެންޓް ކޯޗު ކްލިޗް ބުނެފިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ކްލިޗް ބުނީ، ދިވެހި ވޮލީބޯޅަ އެސޯސިއޭޝަނުން ތިން މަސްދުވަސްތެރޭ ބައިނަލްއަގުވާމީ ދެ މުބާރާތް ބޭއްވުމަކީ ހައިރާންވާ ކަމެއް ކަމަށާއި މިއީ ރެކޯޑެއް ކަމަށެވެ.

" އަހަރެން ހަމަ ހައިރާން ވެއްޖައިން މިތާނގެ އެސޯސިއޭޝަނުން މިފަދަ ކަމެއް މިހާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާވާ ކުރިއަށް ގެންދިޔައިމަ. މީގެ ކުރިން ކިރްގިސްތާނުން ރެކޯޑެއް ހެދިން ވޯލްޑް ވޮލީ ޗެމްޕިއަން ޝިޕް އަކަށް 56 ދުވަސްތެރޭ ތައްޔާރުވެގެން އެކަމަކު ތިން މަސްދުވަސް ތެރޭ ބައިނަލްއަގުވާމީ ދެ މުބާރާތަކީ ރެކޯޑެއް،" ކްލިޗް ބުންޏެވެ.

ކްލިޗް ބުނީ މީގެ ކުރިން ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފްއާ ގައުމީ ޓީމްގެ ކޯޗް ޝަރަފްއާ ވާހަކަދެކެވުނު ކަމަށާއި މި މުބާރާތް ހުރިހާ ގޮތަކުންވެސް ފުރިހަމަ ވާނޭ ކަމުގެ ޔަގީންކަން އެ ފަރާތުން ދީފައިވާކަމަށެވެ. އަދި އެސޯސިއޭޝަނުން ޔަގީން ކޮށްދިން ފަދައިން މުބާރަތުގެ އިންތިޒާމް ތަކުން ފެށިގެން ރެފްރީން ހަމަޖައްސާފައިވާ ގޮތާއި ކެއުމާއި ހުރުމާއި އަދި ދިވެހި ސަޕޯޓަރުންގެ ސަޕޯޓްކުރުންވެސް ވަރަށް ހިތްގައިމު ކަމަށެވެ.

" އެންމެ މުހިއްމު އެއް ކަމަކީ ރެފްރީން. އެކަންވެސް ވަރަށް ރަނގަޅަށް ހަމަޖައްސާފަ މިވަނީ. އަދި އެހެން ހުރިހާ އިންތިޒާމެއްވެސް ފުރިހަމަ،"

ރާއްޖޭގެ ވޮލީބޯޅައެސޯސިއޭޝަނުން، މިއަހަރުގެ ޖެނުއަރީ މަހު ވަނީ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިވެސް ކާމިޔާބުކަމާ އެކު ބާއްވައިފައެވެ. އެމުބާރާތުގައި އީރާން، ނޭޕާލް އަދި ރާއްޖެ ވާދަކުރިއިރު އެސޯސިއޭޝަނުން ހަމަޖައްސައިދިން އިންތިޒާމް ތަކާމެދު އެ ޓީމުތަކުން ވަނީ ތައުރީފް ކޮށްފައެވެ. އަދި މިއަދު ފެށިގެން ދިޔަ މުބާރާތުގައި ބައިވެރިވާ ނޭޕާލް ޓީމުންވެސް ވަނީ މުބާރާތުގެ އިންތިޒާމް ތަކަށް ތައުރީފް ކޮށް ވާހަކަދައްކައިފައެވެ.