03 Jul 2011, 22:50
ރައްޔިތުންގެ މަޖިލީހުގައި އެއްބާރުލުން ދިނުމަށް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން ޑީއާރްޕީގެ ކައުންސިލުން ރުހުން ދީފި އެވެ.
މިނިންމުން ޑީއާރްޕީގެ ކައުންސިލުން ނިންމީ މިރޭ ބޭއްވި ކައުންސިލު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 17 މެންބަރުންގެ އިއްތިފާގުންނެވެ. ޑީއާރްޕީން ބުނީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ބޭނުންވާ އިދާރީ މަސައްކަތް، ކައުންސިލުގެ ރުހުމާއެކު ފަށާފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކައުންސިލު ބައްދަލުވުމުގައި ޑީއާރްޕީގެ ޒެޑް- ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ އެއްވެސް ކައުންސިލު މެންބަރަކު ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
ޑީއާރްޕީ ކައުންސިލގެ ބައްދަލުވުން މިރޭ 9:00 ޖެހިރު ފެށުމަށް ތާވަލު ކުރުމަށް ފަހު 10:15 އަށް ފަސް ކުރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނިމާލްގެ ނަމުގައި "ފޭކް އެސްއެމްއެސް"ތަކެއް ކައުންސިލުގެ މެންބަރުންގެ ފޯނަށް ފޮނުވުމާ ގުޅިގެނެވެ.
ޒެޑް ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ޑީއާރްޕީ، ޕީއޭ ކޯލިޝަންގައި ޖުމްހޫރީ ޕާޓީ ބައިވެރިވުމަށް ޒެޑްޑީއާރްޕީން ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް މިރޭގެ ބައްދަލުވުމުގައި ޒެޑް- ފެކްޝަނަށް ނިސްބަތްވާ އެއްވެސް ކައުންސިލް މެންބަރަކު ބައިވެރިވެޑައި ނުގެންނެވި ސަބަބެއް ނޭންގޭ ކަމަށެވެ.
"ބިޒީވީމަ އަހަންނަށް ނުދެވުނީ. އެކަމަކު އެހެން މީހުން )ޒެޑް ޑީއާރްޕީގެ ކައުންސިލް މެންބަރުން( ބައިވެރިނުވި ސަބަބެއް ނޭންގޭ. ކައުންސިލުން އެ ނިންމި ނިންމުމަށް އަޅުގަނޑުމެން ފުރިހަމައަށް ތާއީދު ކުރަން،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރްޕީ/ޕީއޭ/ޖުމްހޫރީ ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ހުންނަވަން ނުފެންނަ ކަމަށާއި އެ ކޯލިޝަންގެ ލީޑަރަކަށް ބޭނުންވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި ގާސިމް ހަމަޖައްސައިފިނަމަ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގައި ބޮޑެތި ކާމިޔާބިތަކެއް ލިބިގެންދާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
"ބޭނުން ވަނީ އެ ކޯލިޝަންގެ ލީޑަރަކަށް ގާސިމް ގެންނަން. އެއީ އިދިކޮޅަށް ބޮޑެތި ކާމިޔާބީތަކެއް ލިބޭނެ. އަސްލު ތަސްމީން ވެސް މިހާރު ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރުން ބޭނުން ކުރަނީ 'މިވަގުތު' ކޮޅަށްޓަކައި)ކޮމެޓީތަކުގެ މައްސަލަ ހައްލު ކުރުމަށް(. ފަހަރެއްގައި ހިއެއްނުވޭ، ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީ އެއްބަސްވެދާނެ ކަމާމެދު،"
މަހުލޫފު އެހެން ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓިގެ ކައުންސިލުން ވަނީ ކޯލިޝަން ހެދުމަށް ރުހުން ދީފަ އެވެ.
މަޖިލީހުގައި ޕާޓީތަކުގެ ނިސްބަތަށް ބަލާއިރު، އެމްޑީޕީއަށް މަޖިލީހުގެ 45 ޕަސެންޓް ލިބިފައިވާ އިރު ޑީއާރްޕީ/ޕީއޭ ކޯލިޝަން 39 ޕަސެންޓް މިހާރު މަޖިލީހުގައި ލިބިގެންދެ އެވެ. އެ ނިސްބަތުން މަޖިލީހުގެ ކޮންމެ ކޮމެޓީއެއްގެ 11 ގޮނޑީގެ ތެރޭއިން އެމްޑީޕީއަށް ފަސް ގޮނޑި ލިބެ އެވެ. ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް ކޮންމެ ކޮމެޓީއަކުން ހަތަރު ގޮނޑި ލިބޭނެ އެވެ. އަދި ކޮންމެ ކޮމެޓީއެއްގައި ހިމެނޭ ބާކީ ދެ ގޮނޑި ބެހިގެންދަނީ މަޖިލީހުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ގައުމީ ޕާޓީގެ މެންބަރުގެ އިތުރުން މިނިވަން އަށް މެންބަރުންގެ މައްޗަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދައިފިނަމަ ޑީއާރްޕީ/ޕީއޭ/ޖުމްހޫރީ ކޯލިޝަނަށް ކޮންމެ ކޮމެޓީއަކުން ފަސް ގޮނޑި ލިބޭނެ އެވެ. އޭރުން އިދިކޮޅު ކޯލިޝަންގައި ވެސް އަދި މިހާރު މެޖޯރިޓީ ލިބިފައިވާ ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ވެސް ތިބޭނީ 34 މެންބަރުންނެވެ.