ކިރްގިސްތާނާ ދެކޮޅަށް މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ސެޓު ނިންމަން ނޭނގުންކަމަށާއި ފުރަތަމަ ސެޓާއި ދެވަނަ ސެޓުވެސް އިދިކޮޅު ޓީމަށް ލިބުނީ ރާއްޖޭގެ ކުުޅުންތެރިންނަށް ސެޓު ނިންމާލަން ނޭނގުމުން ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނެފިއެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޝަރަފް ބުނީ މިއަދުގެ މެޗުގައި ޓީމުގެ ކުޅުންތެރީން ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށާއި ފުރަތަމަ ދެ ސެޓުވެސް ގެއްލިގެން ދިޔައީ މެޗު ނިންމާލަން ނޭނގިގެން ކަމަށެވެ.

"ފުރަތަމަ ސެޓުގެ ފަހުވަގުތު ހެދުނު މިސްޓޭކަކުން ސެޓު ގެއްލުނީ. ދެވަނަ ސެޓު ފަށައިގެންވެސް ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް. ނަމަވެސް ފަހުވަގުތު ނިންމާ ނުލެވުން އެއީ މައްސަލައަކީ،" ރާއްޖެއަށް ރިހި މެޑަލް މީގެ ކުރިން ހޯދައިދިން ކޯޗު ބުންޏެވެ.

އޭނާ އިތުރަށްބުނީ މިއަދުގެ މެޗުގައި މުހިއްމު ބަދަލުތަކެއް ޓީމަށް ގެނައި ކަމަށާއި އަދި ބައެއް ކަހަލަ ރިސްކްތައްވެސް ނެގި ކަމަށެވެ. އެގޮތުން ޒުވާން ކުޅުންތެރިޔާ ފައިރޫޒަށް ކުޅެން ފުރުޞަތުދިނީ ރިސްކެއް ނަގައިގެން ކަމަށާއި ނަމަވެސް އޭނާގެ ފަރާތުން ރަނަގަޅު ކުޅުމެއް ފެނިގެންދިޔަކަމަށެވެ.

މިއަދު އުފަންދުވަސް ފާހަގަކުރާ އިޝާން މުހައްމަދު، ސަން ސްޕޯޓްސްއަށް މިއަދު ބުނީ މެޗުގައި ރަނގަޅަށް ކުޅެވުނު ކަމަށާއި ބަލިވާން ދިމަވީ އަމިއްލައަށް ހެދުނު ކުދި ކުދި މިސްޓޭކް ތަކުގެ ސަބަބުންކަމަށެވެ. އަދި ކުރިއަށް ދިޔުމުގެ ދޮރު ބަންދުނުވާކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި މިއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެން ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރާނެ ކަމަށް ގައުމީ ޓީމްގެ ކެޕްޓަން އިޝާން ބުންޏެވެ.

ކިރްގިސްތާނާ ރާއްޖެ ބައްދަލުކުރިމެޗުގެ ފުރަތަމަ ސެޓު ނިމިގެންދިޔައީ 25-22 އިންނެވެ. ދެވަނަ ސެޓު 31-33 އިން ކިރްގިސްތާނުން ގެންދިޔައިރު ފަހު ސެޓު ގެންދިޔައީ 20-25 އިންނެވެ.