22 Mar 2017, 19:06
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ކިރްގިސްތާންގެ މައްޗަށް ކުރިއެއް ނުހޯދުނެވެ.
ރާއްޖޭގައި މިއަދު ފެށި އެ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ މައްޗަށް ކިރްގިސްތާން ޓީމުން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ކިރްގިސްތާން ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގެ ފުރަތަމަ ސެޓުގައި ގިނަ ވަގުތު ކުރީގައި އޮތީ ރާއްޖޭގެ ޓީމެވެ. ނަމަވެސް ފަހުވަގުތު ކިރްގިސްތާނުން ކުޅުން ވަރުގަދަކޮށް، 25-22 އިން ފުރަތަމަ ސެޓު ގެންދިޔައެވެ. ފުރަތަމަ ސެޓުގައި ރާއްޖޭގެ ޓީމުގެ ހަސަން ނިލާމްއާއި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)ގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.
މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ސެޓުގެ ފުރަތަމަ ކޮޅުގައި ވެސް ރާއްޖޭގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ގިނަވަގުތު ކުރީގައި އޮތީވެސް ރާއްޖެއެވެ. ވަރަށް ފޯރިގަދަ ކުޅުމަކަށްފަހު ކިރްގިސްތާނުން ދެވަނަ ސެޓު ގެންދިޔައީ 31-33 އިންނެވެ.
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ކިރްގިސްތާން ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ފުރަތަމަ ދެ ސެޓާ ހިލާފަށް ތިންވަނަ ސެޓުގެ ކުރީކޮޅުގައި ރާއްޖޭގެ ފަރާތުން އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ކިރްގިސްތާން ޓީމުން ތިންވަނަ ސެޓުގެ ކުރީކޮޅު ބޮޑު ލީޑެއް ވެސް ނަގާފައިވެއެވެ. ކިރްގިސްތާން މެޗު ކާމިޔާބުކުރީ ތިންވަނަ ސެޓު 25-20އިން ގެންގޮސްގެންނެވެ.
މުބާރާތުގައި ރާއްޖެއިން ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00ގައެވެ. އެ މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ ނޭޕާލްއާ ދެކޮޅަށެވެ. މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއި ތުރުކުމެނިސްތާނެވެ.