މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިކުރަން ހުށަހެޅީ ޝައްކެއް މަތީގައި ތިބެގެން ނޫން ކަމަށާއި އެއީ ނިމިފަ އޮތް ކަމެއް ކަމަށް ބެލުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ އެހެން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) މަގާމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތައް ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ.

އިދިކޮޅު ޕާޓީ، އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތު ޕާޓީ އަދި ޕީޕީއެމްގެ ރައީސްގެ ފަރާތުން ވައިވެރިވެ ވަޑައިގެން މޫކައި ހޮޓެލްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މަސީހުގެ ވޯޓު ކާމިޔާބު ނުވިޔަސް، ގުޅިފައިވާ ޕާޓީތައް މަސައްކަތް ކުރާނީ އެއްވިސްނުމެއްގައި ކަމަށެވެ.

"މިކަން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބު ކުރާނަން. ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ. އިރާދަ ކުރެއްވިއްޔާ ނިމިފަ މިއޮތީ. ނިމިފަ އޮތް ކަމެއްގެ ގޮތުގައި ތިބޭފުޅުން ބައްލަވާށޭ،" ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވި އެވެ.

"ދެން އޮތީ ނުވެއްޖެއްޔާ ވާނެ ގޮތް. އަޅުގަނޑުމެން މިތިބީ މި އެޅި ބިންގަލުގެ މަތީގައި ކުރަންޖެހުނު ހުރިހާ ކަމެއް މަޖިލިސް ތެރެއިން ކުރަން ތައްޔާރުވެގެން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތްތައް، ފެނިގެންދާނީ އެއް ވިސްނުމެއްގައި."

ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް: މަސީހުގެ ވޯޓު ކާމިޔާބުވުމުން ކުރާނެ ކަންތައްތަކެއް ވެސް ވަނީ ކަނޑައަޅާފައި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް އައްޔަން ކުރާނެ ބަޔަކު ވަނީ ކަނޑައަޅާފައި

އިބޫ ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށްފަހު، އިދިކޮޅު ފަރާތްތަކުގެ ތެރެއިން އެ ދެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅުންގެ ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ ނަންތަކެއް އިބޫ ވިދާޅެއް ނުވެ އެވެ.

އިބޫ ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމަށްފަހު މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންތައްތަކުގެ ލިސްޓެއް ކަނޑައަޅާފައިވާ ކަމަށެވެ.

މަސައްކަތް ކާމިޔާބުވެއްޖެނަމަ އިސްލާހު ކުރާނެ ގާނޫނޫތައް:

  • ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނު
  • އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު
  • މާލިއްޔަތު ގާނޫނު
  • ކޯޓުތަކުގެ ގާނޫނު
  • ގާނޫނުއަސާސީއަށް ގެނައި ދެ އިސްލާހު

"އެ ހުރިހާ ކަމެއް އަޅުގަނޑުމެން ލިސްޓުކޮށްގެން ތައްޔާރުވަމުން މިދަނީ. އިރާދަ ކުރެއްވިއްޔާ ފަހަރަކު ކަމެއް، ފަހަރަކު ކަމެއް މަޖިލީހަށް ހުށަހަޅައި ކާމިޔާބު ކުރަމުން ގެންދާނަން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ އިތުބާރު ގެއްލިފައިވާތީ، އެ ކޮމިޝަންތަކަށް އައްޔަންކޮށްފައިވާ މެމްބަރުން ވެސް ބަދަލުކުރަން ވެސް އެ ބޭފުޅުން ލިސްޓުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ބަދަލު ގެންނަންޖެހޭ މުއައްސަސާތައް:

މިނިވަންކަމާއެކު ނުހިންގާ ކަމަށް ބުނެ ބަދަލު ގެންނަންޖެހޭނެ ކަމަށް އިބޫ ވިދާޅުވި މުއައްސަސާތައް:

  • އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

  • ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
  • އޮޑިޓާ ޖެނަރަލްގެ އޮފީސް
  • ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)
  • ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)

އިބޫ ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ބަދަލު ނުގެނެސް "ޗެކް އެންޑް ބެލެންސް ސިސްޓަމް ނުހިނގާނެ" ކަމަށެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަނީ މަޖިލިސް ހިންގުމުގައި ހަމަހަމަ އުސޫލު ނުގެންގުޅޭ ކަމަށް ބުނެ އެވެ. އެގޮތުން ބަހުސްތަކުގައި މެމްބަރުންނަށް ހަމަހަމަ ފުރުސަތު ނުދިނުމާއި ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު ނުދިނުމާއި ގާނޫނުއަސާސީއާ ހިލާފަށް މަޖިލިސް ހިންގާ ކަމުގެ ތުހުމަތު އެ ދެ ބޭފުޅުންގެ މައްޗަށް ވަނީކޮށްފަ އެވެ.

އެ ސަބަބާހުރެ، ރައްޔިތުން މަޖިލީހަށް ކުރާ އިތުބާރު ގެއްލިފައިވާ ކަމަށާއި ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް މަޖިލީހުން ނުކުރެވޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.