Back
Nov 23, 2025 SUN
SUN

ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓްގެ ބަންދަށް ހަތަރު ދުވަސް ޖަހައިފި

ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓްގެ ބަންދަށް ހަތަރު ދުވަސް ޖަހައިފި
Lead photo

ތ. ވިލުފުށީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި ކެންޑިޑޭޓް ހުސައިން އަބްދުއްސަލާމް އާދަމް އާދަމްގެ ބަންދަށް ހަތަރު ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.

އަބްދުއްސަލާމް ހައްޔަރުކުރީ އިއްޔެ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އޭނާ ހައްޔަރުކުރި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

އެމްޑީޕީ ވިލުފުށީ ދާއިރާގެ އޮފީހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަބްދުއްސަލާމް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅޭ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެކަމަކީ ކައުންސިލް އިންތިޚާބާ ދިމާކޮށް ވިލުފުށީ ދާއިރާއަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓުންގެ އަގުވައްޓާލަން ބަޔަކު އަޑީގައިތިބެގެން ރާވައި ހިންގާފައިވާ ޖަރީމާއެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން ވިލުފުށީ ރަށު ކައުންސިލްގެ ކެންޑިޑޭޓް ހުސައިން އަބްދުއްސަލާމް އާދަމް މިހާރުން މިހާރަށް ދޫކޮށްލުމަށް ކަމާގުޅޭ އެންމެހައި މުއައްސަސާތަކަށް ގޮވާލަމެވެ،" އެމްޑީޕީ ވިލުފުށީ ދާއިރާގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ނެގުމަށް މީހަކު އަންގައިގެން ކަމަށް ބުނެ ކެންޑިޑޭޓުންނަށް ހުށަހެޅުންތައް ހުށަހަޅައި ފިއްތުންތައް ކުރިމަތިކުރުވަމުން އަންނަ ކަމަށާއި އެފަދަ އަމަލުތަކަކީ ޑިމޮކްރެސީއާ ބީރައްޓެހި ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ.

އެމްޑީޕީގެ ޓިކެޓުގައި ވިލުފުށީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ބޮލުގައި ކޮންމެވެސް ތުހުމަތެއް އަޅުވައިގެން ނަމަވެސް ޖަލަށްލާނެ ކަމުގެ އިންޒާރު މީގެ ކުރިން އެކިފަހަރުމަތިންދީފައިވާ ކަމަށް އެ ބަޔަނުގައިވެ އެވެ.

އެފަދަ އަމަލުތައް ހުއްޓާލައި ވާދަވެރި ކެމްޕޭނެއްކޮށް އިންތިޚާބު ކާމިޔާބުކުރުމަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics