03 Jul 2011, 21:32
ބެންގކޮކް : ތައިލެންޑްގެ ޢާންމު އިންތިޚާބު އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ "ބޮޔާ ތައި" ޕާޓީ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފި އެވެ.
މިއަދު ބޭއްވި ތައިލެންޑްގެ ޢާންމު އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ތަކްސިންގެ "ބޮޔާ ތައި" ޕާޓީން ވަނީ ޕާލަމެންޓްގެ 500 ގޮނޑީގެ ތެރެއިން 313 ގޮނޑި ކާމިޔާބުކޮށްފައެވެ. މިހާރުގެ ބޮޑުވަޒީރު އަބިހިސެތް ވިޖެޖީވާ ގެ ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައިވަނީ އެންމެ 152 ގޮނޑިއެވެ. ވޯޓުގެ 92 ޕަސެންޓްގުނައި ނިމިފައިވާ ކަމަށްވެސް ތައިލެންޑްގެ އިންތިޚާބާބެހޭ އިދާރާއިން ބުނެއެވެ.
ތަކްސިންގެ ޕާޓީގެ މިހާރުގެ ލީޑަރަކީ އޭނާގެ އަންހެން ކޮށްކޮ ޔަންޖަޮލޮކް ޝިނަވަޓްރާއެވެ. އެހެންކަމުން އާ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ޔަންޖޮލަކް ކަމަށް ވަނީ ބެލެވިފައެވެ.
ޔަންޖޮލޮކްގެ ޒަޢާމަތުގައި ޕާޓީއަށް ލިބުނު ކާމިޔާބަށް މަރްޙަބާ ވިދާޅުވަމުން އޭނާގެ ބޭބެ ތަކްސިން މިރޭ ވިދާޅުވީ އެނބުރި ޤައުމަށް ވަޑައިގަންނަވަން ގަސްދު ކުރައްވާ ކަމަށާ ނަމަވެސް ޤައުމަށް ވަޑައިގަންނަވާނީ އެކަމަށް އެންމެ އެކަށޭނަ ވަގުތުގައި ކަމުގައެވެ. މިކަމުގައި އަވަސް ވެގެނެގެން ނޫޅުއްވާނެ ކަމަށްވެސް ތަކްސިން ވިދާޅުވިއެވެ.
ޢަސްކަރީ އިންޤިލާބެއްގައި 2006 ވަނަ އަހަރު މަޤާމުން ދުރުކުރެވިފައިވާ ތަކްސިން އުޅުއްވަނީ ޤައުމުން ބޭރުގައެވެ. އޭނާ މިހާރު އުޅުއްވަމުން ގެންދަނީ ދުބާއިގައެވެ.
ތައިލެންޑްގެ މެދުފަންތީގެ މީހުންނާއި ރައްފުށުގެ ފަގީރުންގެ ތާއީދު ތަކްސިން އަށް އޮތްއިރު ނުފޫޒުގަފަ ޝާހީ ޢާއިލާ އާއި މުއްސަނދިންގެ ތާއީދުއޮތީ ބޮޑުވަޒީރު އަބިހިސެތް ވިޖެޖީވާ ގެ ޕާޓީއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ބީބީސީ