03 Jul 2011, 20:25
ޑީއާރްޕީގެ އެތެރެއިން "އެއްވެސް ފުރުސަތެއް ނެތް ކަމަށް" ގަބޫލު ކުރެވެންޏާމުން ޒެޑް-ޑީއާރްޕީން ސިޔާސީ ޕާޓީއެއް ހަދާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރުގެ ވޭލް ސަބްމެރިން އޮފީހުގައި ޒެޑް-ޑީއާރްޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވީ ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ޒެޑް ފެކްޝަނުން ކުރާ މަސައްކަތުގައި ކާމިޔާބީއެއް ނުލިބިއްޖެ ނަމަ 2013 ގެ ކުރިން އެ ފެކްޝަނުން ސިޔާސީ ޕާޓީއެއް ހަދާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށް ޒައީމް މައުމޫން އަބްދުލް ގައްޔޫމް މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި އެކަމަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެމުން ގެންދަވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
"މީގަ އިތުރުގޮތެއް ނެތް ކަމުގައި ވަންޏާ އަޅުގަނޑުމެން އާ ސިޔާސީ ޕާޓީއެއް ހަދާކަން ޖެހިލުމެއް ނުވާނެ. އަޅުގަނޑުމެންނަކީ ޑީއާރްޕީއަށް ބޭނުންނުވާ ޑީއާރްޕީން ބަލައި ނުގަންނަ ބަޔަކަށް އަޅުގަނޑުމެން ވަންޏާމުން އަޅުގަނޑުމެން ކޮންމެހެން އެ ތަނުގައި 2013 އަންނަންދެން ތާކުންތާނުން ނުޖެހޭ، މިހެން ހަޅޭއްލަވަން ތިބުމުގެ އެއްވެސް މާނައެއް ނެތް،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުން އުފެދުނު ހިސާބުން ފެށިގެން ވެސް ސިޔާސީ ޕާޓީއެއް އަލުން އުފެއްދުމަކީ އޭނާގެ "ފުރަތަމަ ވިސްނުން" ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފް އާއި ޒައީމް މައުމޫންގެ ތަރުޖަމާން އިބްރާހިމް މުހައްމަދު ޝަރީފު )މުންދު( ވަނީ ޑީއާރްޕީގެ އަސާސީ ގަވާއިދާ ހިލާފަށް ޑެޕިއުޓީ ލީޑަރު އައްޔަންކޮށްފައިވާ މައްސަލައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.
ހުސްވެފައިވާ ޑީއާރްޕީގެ ދެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ވިލިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒާއި ޑީއާރްޕީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު މުހައްމަދު )އަންޑޭ( އައްޔަން ކުރެއްވީ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް ޑީއާރްޕީން ހުއްޖަތެއްގެ ގޮތުގައި ދައްކަމުންދާ އެ ޕާޓީގެ އަސާސީ ގަވާއިދު 122 ވަނަ މާއްދާއަށް އަމަލް ކުރަންޖެހޭނީ އަސާސީ ގަވާއިދުގައި ހުސްވެފައިވާ މަގާމަކަށް ބޭފުޅަކު އަންޔަން ކުރުމާމެދު "އެހެން ގޮތަކަށް ބަޔާންކޮށްފައި" ނެތް ކަމަށް ވާނަމަ އެވެ. އަދި އަސާސީ ގަވާއިދުގެ 122 ވަނަ މާއްދާގެ )ހ( އިން އެކަން އިނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީގެ އަސާސީ ގަވާއިދުގެ 122 ވަނަ މާއްދާގެ )ހ( ގައި ބުނެފައި ވަނީ "މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ މިގަވާއިދުގެ ދަށުން އިންތިހާބުކުރެވޭ މަގާމުތަކުގެ މުއްދަތަކީ ހަތަރު އަހަރު" ކަމަށެވެ. އަދި އެ މާއްދާގެ )ނ( ގައި ބުނެފައި ވަނީ އިންތިހާބު ކުރެވޭ މަގާމެއް އެއްވެސް ސަބަބަކާހުރެ ހުސްވެއްޖެނަމަ އެގަމާމެއް ހުސްވާ ދުވަހުން ދެށިގެން، ދެން އެންމެ އަވަހަށް ބާއްވާ ގައުމީ ޖަލްސާއަކުން އެގަމާމަށް މެންބަރަކު އިންތިހާބުކުރެއްވެންދެން، އެ މަގާމު ފުރުމަށް މެންބަރަކު ކަނޑައެޅުމުގެ އިންތިޔާރު ޕާޓީގެ ކައުންސިލަށް ލިބިގެންވާ ކަމަށެވެ. ރާމިޒާން އަންޑޭ އައްޔަންކުރީ އެ މާއްދާގެ ދަށުން ކަމަށް ޑީއާރްޕީން ބުނެ އެވެ.
ނަމަވެސް 87 ވަނަ މާއްދާގައި ބުނެފައި ވަނީ "ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިބޭ މީހުންގެ ތެރެއިން މީހަކު، އެމީހެއްގެ މަގާމުގެ މުއްދަތު ހަމަނުވަނީސް، އެއްވެސް ސަބަބަކާހުރެ އެ މަގާމު ހުސްވެއްޖެނަމަ، އެ ގަމާގާމަށް މީހަކު އިންތިހާބު ކުރަންވާނެ ކަމަށެވެ. މިގޮތުން މީހަކު އިންތިހާބު ކުރަންވާނީ، ޕާޓީގެ ގައުމީ ޖަލްސާއަކުން ކަމަށް ބުނެފައިވެ އެވެ.
މުންދު ވިދާޅުވީ އެ މައްދާގައި ޑެޕިއުޓީ ލީޑަރަކު އަލުން އިންތިހާބު ކުރެވޭނެ ގޮތް ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އަސާސީ ގަވާއިދުގެ 122 ވަނަ މާއްދާގެ )ހ( ގައި ވާ ގޮތުން އެ މާއްދާގެ )ނ( އަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.
މުންދު ވިދާޅުވީ ޑީއާރްޕީން މިދިޔަ މަހުގެ 24 ގައި ދަފްތަރު ކުރި އަސާސީ ގަވާއިދަކީ އެންމެ ފަހުން ބޭއްވި ތިން ވަނަ ގައުމީ ޖަލްސާއިން އިސްލާހު ގެނައި އަސާސީ ގަވާއިދެއް ނޫން ކަމަށާއި އެ ގަވައިދަށް ދެ މާއްދާ އެއް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ދަފްތަރުކޮށްފައިވާ އަސާސީ ގަވާއިދަކީ ޕާޓީގެ ދެވަނަ ގައުމީ ޖަލްސާއިން ފާސް ކުރި އަސާސީ ގަވާއިދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމައެކަނި ބަދަލުގެނެސްފައިވަނީ ޒައީމަކީ ޕާޓީގެ ލީޑަރުކަމަށް ދޭހެވާ ގޮތަށް ހުރި މާއްދާތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޒެޑް ފެކްޝަނުން ބޭނުން ކުރަމުން އަންނަ އަސާސީ ގަވާއިދުގައި އެ ދެ މާއްދާއެއް ނެތެވެ.