22 Mar 2017, 14:30
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ފްލީޓަށް އާ އެއާކްރާފްޓެއް ގެނެސްފި އެވެ.
ޓީއެމްއޭގައި މިހާތަނަށް 45 އެއާކްރާފްޓު އޮތް އިރު، އިއްޔެ އެ އެއާލައިނަށް ވަނީ 46 ވަނަ އެއާކްރާފްޓު ގެނެސްފަ އެވެ.
ޓީއެމްއޭ އިން ބުނާ ގޮތުގައި، ކެނެޑާގެ ކެލްގަރީ އިން އިއްޔެ ރާއްޖެ ގެނައީ ޑީއެޗްސީ-6 ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ. ޓީއެމްއޭ އިން ސީޕްލޭންގެ ގޮތުގައި ބޭނުންކުރަނީ މި މަރުކާގެ ބޯޓުތަކެވެ.
އެ އެއާކްރާފްޓު ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް ޖެއްސީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.
ޓީއެމްއޭ އިން ބުނީ އެ އެއާލައިނުގެ ފްލީޓަށް އިތުރުވި އާ ބޯޓާ އެކު، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުގެ މަގާމު އެ އެއާލައިނަށް އިތުރަށް ދެމެހެއްޓިގެން ހިނގައްޖެ ކަމަށެވެ.